ކ. މާލެ
|
5 ނޮވެންބަރ 2020 | ބުރާސްފަތި 23:37
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވާހަކަދައްކަވަނީ
އެޗްއީއޯސީ
ކޮވިޑް-19ށް ޕޮޒިޓިވްވުން
ޗައިނާ ހަބަރ އިންޖިނިއަރިންގ ކޮންޕެނީގެ ދަށުން މަސައްކަތް ކުރާ 45 މީހަކު ޕޮޒިޓިވްވެއްޖެ
އެއީ އެއަރޕޯޓުގެ މަސައްކަތުގައި ހަރަކާތްތެރިވި ބައެއް
ފާއިތުވި 24 ގަޑިއިރު 71 މީހަކު ޕޮޒިޓިވްވެފައިވޭ

ޗައިނާ ހަބަރ އިންޖިނިއަރިންގ ކޮންޕެނީގެ ދަށުން މަސައްކަތް ކުރާ 45 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި 24 ގަޑިއިރު މާލެ ސިޓީން ކޮވިޑް ކޭސް ރިޕޯޓު ކުރެވުނު އަދަދު ކުއްލިއަކަށް އިތުރުވީ ޗައިނާ ހަބަރ އިންޖިނިއަރިންގ ކޮންޕެނީގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ކަަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވި މީހުންނަކީ ސަބް-ކޮންޓްރެކްޓްގެ ދަށުން އެއަރޕޯޓުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް ކަމަށާއި، އެކި ސަރަހައްދުތަކުން މީހުން ނަގައިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި 45 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް 71 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ 15 ދިވެހިންނާއި، އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 56 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 11،893 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 11010 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 38 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް