ހިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖައާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިން ކަމަށެވެ.
އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުއްވި މައިގަނޑު މަގުސަދަކީ، ކ. ތަނބުރުދުއާއި އެ ރަށް ވަށައިގެންވާ މާހައުލަކީ ވެސް ގުދުރަތީ އަދި ތަބީޢީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއްކަމުގައި ވާތީއެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި މި ސަރަހައްދުގެ ޚާއްސަ ސިފަތަކުގެ މައްޗަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ސާވޭ ރިޕޯޓަށާއި، އަދި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންއިން ތައްޔާރުކޮށްފައިވާ "ކ. ތަނބުރުދޫ ގުދުރަތީ އާސާރެއް،" މި ކަރުދާހުގެ މައްޗަށް ބައްލަވާފައިވާ ކަމަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބޮޑުތިލަދުންމަތީގެ 14 ސަރަހައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި، ފުވައްމުލައް ސިޓީގެ އެއް ސަރަހައްދު، އަދި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް (ޖުމްލަ 24 ސަރަޙައްދު) މިހާތަނަށް ވަނީ ހިމާޔަތްކޮށްފައިވެއެވެ.
މީގެ އިތުރުން ތިމާވެށީގެ ޤާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭ ގޮތަށް 11 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރިއާއި ކ. ހުރާގެ ކަނޑޫފާ ސަރަހައްދެވެ.