އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު އެ ބޭފުޅުންގެ ލަފާފުޅާއެކުގައިކަމަށެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައި ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަސީލަތަކަށް ހެދުން،" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް އެކަށައަޅާފައިވެއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގައި ހިމެނޭ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމުން ރާއްޖެއަށް މިހާރު އެތެރެކުރާ ޕުލާސްޓިކުގެ ބައެއް ބާވަތްތައް އެތެރެކުރުން ހުއްޓާލެވޭނެއެވެ.
ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކުގެ މިންވަރު މަދުކޮށް، މި ބާވަތުގެ ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރެވިގެންދާނެއެވެ. އަދި، މީގެ ސަބަބުން ތިމާވެށްޓާ ރަޙުމަތްތެރި އުފެއްދުންތައް ތަޢާރުފުކުރުމަށާއި ދެމެހެއްޓެވި ވެށްޓެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.