ތަރައްގީގެ މަސައްކަތްތަކާއި، ގާނޫނުތައް އެކުލަވާލުމުގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އަބަދުވެސް ސަރުކާރުން ހޯދާނެ ކަމަށް ޖަމިއްޔާތަކުގެ ބެލެނެވެރިފަރާތް ކަމަށްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖަމިއްޔާތަކުގެ ބައިވެރިވުން އަބަދުވެސް ސަރުކާރުން ހޯދާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވީ، ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ، މަދަނީ ޖަމިއްޔާތަކާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަކީ ގައުމުގެ ތަރައްގީގެ މުހިއްމު ބައެއް ކަމަށާއި، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ފަރާތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.
ސިޔާސަތު ތަންފީޒުކުރާ ފަރާތްތަކާއި މުޖުތަމައު އާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި މަދަނީ މުޖުތަމައުގެ ދައުރު ބަލައިގަނެ، އެ ދައުރުފުޅާކޮށްފައިވާ ކަމަށް ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވިއެވެ.
މިސަރުކާރުން މަސައްކަތްކުރަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އަޑު އަހައިގެން ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރުގެ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގައިވެސް އެފަރާތްތަކުގެ އަޑު އަހާ ބައިވެރިވުން ސަރުކާރުން ހޯދާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ތަރައްގީގެ މަސައްކަތްތަކާއި، ގާނޫނުތައް އެކުލަވާލުމުގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އަބަދުވެސް ސަރުކާރުން ހޯދާނެ.އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު
މަދަނީ ޖަމްއިއްޔާތަކުގެ ގާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށް ޖަމިއްޔާތަކުގެ ގާނޫނަށް 2019 ވަނަ އަހަރު ސަރުކާރުން އިސްލާހުތަކެއް ހުށައަޅާފައިވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ, އެ އިސްލާހުތަކާއެކު ގާނޫނީ އޮނިގަނޑުގެ ތެރެއިން ޖަމިއްޔާތަކަށް ސަރުކާރު ޒިންމާދާރުކުރުވާ، އަސާސީ ހައްގުތައް އިތުރަށް ކަށަވަރުކުރުމަށް އެފަރާތްތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެގެން ދާނެކަމަށެވެ.
ރާއްޖެއަކީ ގުޅިލާމެހިފައިވާ މުޖުތަމައުއެއްކަން ފާހަގަކުރައްވާ މުޖުމަތައު ބިނާވެގެންވަނީ ދިވެހިން ޤަބޫލުކުރާ ހަމަތަކާއި، އުސޫލުތަކެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. .