ޕީއެސްއައިޕީ މަޝްރޫޢުތައް ރަށްރަށުގައި ކުރިއަށް ގެންދާއިރު ވަކި ދާއިރާއެއް ޚާއްސަކޮށްގެން މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި މަޝްރޫޢުތައް އަވަސްކުރުމާއި ލަސްކުރުމުގައި އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު ވަނީ ހައުސިންގ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ޕްރޮޖެކްޓްތަކުގައި ސޮއިކުރުން މަޑުޖައްސާލާފައިވާއިރު 37 މިލިއަން ރުފިޔާ ޚަރަދުކުރާ ގޮތަށް އިސްކަމެއްދީގެން ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި ސޮއިކުރަން ޖެހުނު ސަބަބަކީ ކޮބައިތޯ އާއި ބަޖެޓްގައި ހިމެނިފައި ނުހުންނަ ޕްރޮޖެކްޓްތަކުގައި ސޮއިކުރުމުގައި އަމަލުކުރަމުން އަންނަ ގޮތަކީ ކޮބައިތޯ ވަނީ ސުވާލުކުރައްވާފައެވެ. ސިރާޖު ވަނީ މިސުވާލާ ގުޅުވައި ލ ފޮނަދޫ މަގު ހެދުމުގެ ފޭސް 2 ގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު އެމަސައްކަތް ކުރިއަށް ނުގެންގޮސް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިނުވާ ރ ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫޢުގައި 9 ސެޕްޓެމްބަރ ގައި ސޮއިކުރީ ކޮން އުސޫލަކުންތޯ ސުވާލުކުރައްވާފައެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ އައު ޕްރޮޖެކްޓެއްގެ ގޮތުގައި ނޫންކަމަށެވެ. ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ އެރަށުގެ 13 މަގެއް ހެދުމުގެ މަސައްކަތްކަމަށާއި އެމަސައްކަތަކީ މިސަރުކާރު ވެރިކަމާއި ހަވާލުވިއިރުވެސް ހިނގަމުންދާ މަޝްރޫޢެއްކަމަށެވެ. އެރަށުގެ މަގުގެ މައްސަލަ، 13 މަގެއް ހަދައިގެން ހައްލުނުވާނެތީ އެމަޝްރޫޢަށް 9 މަގެއްގެ މަސައްކަތް އިތުރުކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތުގެ 82 އިންސައްތަ މަސައްކަތް ކުރިއަށް ގޮސްފައިވާތީ ދެން އިތުރަށް ހުރި މަސައްކަތް އެއާ އެކީގައި ގުޅުވައިގެން ކުރިއަށް ގެންދިއުމަށް އެ މަސައްކަތް ހަވާލުކުރީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބަޖެޓްގައި ނުހިމެނޭ ގޮތަށް ކޮށްއުޅޭ މަސައްކަތް އަޅުގަނޑު ދަންނަނީ ހަމައެކަނި އެމަރޖެންސީގެ މަސައްކަތްތައް އެއީ ހާލަތެއް ދިމާވެގެން އެކަން އޮތްކަން އެސްޓަރބްލިޝްވުމަށްފަހު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އެއީ އޮތްގޮތްކަމަށް ޔަގީންކޮށް އެޝްޓަބްލިޝްވީމާ ހުންނާނެ އެގޮތަށް އެމަރޖެންސީކޮށް ކުރަންޖެހޭ މަސައްކަތްކޮށްފައި. އެހެންނޫނީ މިދެންނެވި މަސައްކަތްވެސް ކޮށްފައި އެއޮތީ މިހާރުވެސް ހިނގަމުންދާ ބަޖެޓް ކޯޑްގެ ތެރޭގައި އެޕްރޮޖެކްޓްގެ އެކްސްޓެންޝަނެއްގެ ގޮތުގައި އެމަސައްކަތް ކޮށްފައި އެއޮތީ. އައު ޕްރޮޖެކްޓެއްގެ ގޮތުގައި ސެކަންޑް ފޭސްގެ ގޮތުގައި ސޮއިކުރީ އަޅުގަނޑުމެން ގެންގުޅޭ އުސޫލެއް އިތުރަށް ކުރާ މަސައްކަތް ކޮންޓްރެކްޓް ވެލިއުއަށްވުރެ ބޮޑުވާ ކަމަށްވާނަމަ އެއީ ވޭރިއޭޝަންގެ ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދަން. އެހެންނަމަވެސް ބަޖެޓްގެ ހަމަ މިހާރުވެސް ހިނގަމުންދާ ޚަރަދުކުރަމުންދާ ބަޖެޓް ކޯޑްގެ ތެރެއިން ފައިސާ ޚަރަދުކުރާ ގޮތަށް އެމަސައްކަތްކޮށްފައި އެއޮތީ.މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
އުސޫލެއްގެ ގޮތުން އޮންނަ ގޮތަކީ ޕްރޮޖެކްޓެއްގެ މަސައްކަތް އަދި ކޮންމެ ގޮތަކަށް ހުރިނަމަވެސް އިތުރުކުރަން ޖެހިއްޖެނަމަ 15 އިންސައްތަ އަށްވުރެ ވޭރިއޭޝަން ބޮޑުވެއްޖެ ކަމަށްވާނަމަ ދެން އެ ވޭރިއޭޝަންގެ ގޮތުގައި އެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެއަށްވުރެ އިތުރުވާނަމަ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށާއި އެއީ އުސޫލެއްގެ ގޮތުން މިހާރު ގެންގުޅޭގޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންނަމަވެސް އެޕްރޮޖެކްޓްގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ބަޖެޓްގައި އެކޯޑްގެ ދަށުން ކަމަށާއި މިޕްރޮޖެކްޓްގެ މަސައްކަތަށް ދީފައިވާ ބަޖެޓްގެ އިތުރަށް އަދި ޚަރަދުނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފޮނަދޫގެ މަގުހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ދުވާފަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކުރިއިރު ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް ނިމިފައިވާ މިންވަރާއި ކައިރިކުރާ މިންވަރަށްވެސް ފޮނަދޫގެ މަސައްކަތް ކުރިއަށް ނުދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންނަމަވެސް އެމަސައްކަތްކުރުމަށްޓަކައި އިތުރު މަގުތައް ފޮނަދޫގައި ހެދުމަށްޓަކައި 14 ޖެނުއަރީ 2020ން ފެށިގެން ފޮނަދޫ ކައުންސިލާއެކީގައި މަޝްވަރާތަކެއް ކުރިން. މަގުތައް އައިޑެންޓިފައި ކުރުމަށްޓަކައި 16 މަރޗްގައި ލިބުނީ އެމަގުތައް ފާހަގަކުރެވޭ ޗާޓެއްގައި އަދި އެމަގުތައް އައިޑެންޓިފައި ކުރެވި ނިންމުމަށްފަހު މިހާރުވާނީ އެމްޓީސީސީ ގައި އެއީ މަސައްކަތްކުރަމުންދާ ކޮންޓްރެކްޓް އިތުރު މަގުތަކަށްދާނެ ބަޖެޓް ގެ ކޯޓޭޝަނެއް ދިނުމަށް ބުނެފައި އޮތީ. އެކޯޓޭޝަން ލިބުމާއެކީގައި ދެން އަޅުގަނޑުމެން މިތިބީ އެކޯޓޭޝަން ލިބުމާއެކު މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއ އޭރުން އެއޮތީ ތައްޔާރުވެފައި މަސައްކަތް ހަވާލުކުރުމަށްޓަކައި. ދެން ޖެހޭނީ ސަރުކާރުގެ އިދާރީ ގޮތުން ކުރަން ހުންނަ މަސައްކަތްތައް ކުރަން. އެއީ ފިނޭންސް މިނިސްޓްރީގައި ހުރިހާ ޕްރޮޖެކްޓެއްގައިވެސް އެކަން އޮންނަ ގޮތް. ފިނޭންސް މިނިސްޓްރީގެ ހުއްދައަކަށް އެދެންޖެހޭނެ ބަޖެޓްގައި އޮތަސް އެމަސައްކަތް ކުރިޔަށްގެންދަން.މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
ބުދަ ދުވަހުގެ ޖަލްސާގައި ގިނަ މެމްބަރުންތަކެއް ވަނީ އެދާއިރާތަކުގެ މަޝްރޫޢުތައް ކުރިއަށް ނުގޮސް މަޑުޖެހިފައިވާތީ އެކަމާއި ގުޅޭގޮތުން މިނިސްޓަރަށް ސުވާލުތައް އަމާޒުކުރައްވާފައެވެ. އަދި ބައެއް ދާއިރާތަކުގެ މަޝްރޫޢުތައް ކުރިއަށްދާއިރު އަނެއް ބައި ދާއިރާތަކުގެ މަޝްރޫޢުތައް ކުރިއަށްނުދާތީ އެކަމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރެއްވިއިރު ބަޖެޓްގައި ހިމެނިފައިނެތް މަޝްރޫޢުއެއް ކުރިއަށްދަނީ ކީއްވެތޯވެސް މެމްބަރުންވަނީ ސުވާލުކުރައްވާފައެވެ.
އެސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ އެފަދަ ގޮތަކަށް އަމަލުކުރައްވަމުން ނުގެންދަވާކަމަށެވެ. އެއްވެސް ދާއިރާއެއް ތަފާތުކޮށް މަޝްރޫޢުތައް ކުރިއަށް ނުގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.