ހދ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ 52 އާއިލާގެ ހައުސިން ޔުނިޓުތައް އަންނަ މަހު ހަވާލުކުރާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކޮފައިވާ 52 އާއިލާއަށް މިއަހަރުގެ ޑިސެމްބަރު މަހުގެ ހަވާލުކުރައްވާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވީ، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޒީރާ ސުވާލު ކުރެއްވުމަށް ބޭއްވި ޝެޝަނުގައި އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުރެއްވި އެ ސުވާލާއި ގުޅިގެން މިނިސްޓަރ އަސްލަމް އޭގެއިތުރުން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މަސައްކަތް ހުއްޓިފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
ނޮޅިވަރަންފަރަށް މީހުން ބަދަލުކުރަން ފެށީ 2011 ވަނަ އަހަރު އެވެ. އެ ރަށަށް ބަދަލުކޮށްފައި ވަނީ ހދ. ފަރިދޫ އާއި ކުނބުރުދޫ އަދި މާވައިދޫ މީހުންނެވެ.
ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކުރި އާއިލާތަކުގެ ތެރެއިން ބޯހިޔާވަހިކަން ސަރުކާރުން ހަމަޖައްސައިދީފައި ނުވާ އާއިލަތައް މިހާތަނަށް ދިރިއުޅެމުން އައިސްފައިވަނީ އެމީހުން އަމިއްލައަށް ހަމަޖައްސާފައިވާ ތަންތަނުގައެވެ. ބޯހިޔާވަހިކަން ފޯރުކޮށްނުދީ ހޭދަވި މުއްދަތަށް، އެ އާއިލާތަކަށް ބަދަލު ފައިސާ ދިނުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
"އޮޕަރޭޝަން އެއްފަސް ހދ. 2011" ގެ ނަމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން ފެށި އެ މަސައްކަތުގައި އެންމެ ފުރަތަމަ ބަދަލުކުރީ މާވައިދޫ ރައްޔިތުންނެވެ.