މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އޮފިޝަލް ވެބްސައިޓް ލޯންޗްކޮށްފިއެވެ.
ބުދަ ދުވަހުގެ ހެނދުނު އެރަށުގައި އެކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވެބްސައިޓް ލޯންޗު ކޮށްދެއްވީ އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރުއެވެ.
ރާއްޖެއެމްވީއަށް މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޝާމިރު ވިދާޅުވީ މި ވެބްސައިޓް ލޯންޗުކުރުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ކައުންސިލްގެ ހިދުމަތްތަށް ލުއިފަސޭހަ ކަމާއެކު ފޯރުކޮށްދިނުމެވެ. އަދި އާއްމުނަށް ބޭނުންވާ މައުލޫމާތު ފަސޭހަ ކަމާއެކު ފޯރު ކޮށްދިނުމުގެ އިތުރަށް އޮންލައިކޮށް ފޯމު ފަދަ ތަކެތި ޑައުންލޯޑު ކުރެވޭނެ ގޮތް ހަމަ ޖެއްސުންކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮންމެތާކު ހުރެގެންވެސް ކޮންމެ ވަގުތެއްގައި ވެސް ފަސޭހަ ކަމާއެކު ރައްޔިތުންނަށް މި ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ފޯރު ކޮށްދެވިގެން ދާނެކަމަށެވެ. މީގެ އިތުރުންވެސް ޝާމިރު ވިދާޅުވީ މިއީ ކައުންސިލުން އިސްނަގައިގެން ކައުންސިލްގެ ބަޖެޓުން ކުރެވުނު މަސައްކަތެއް ކަމަށެވެ.
ވެބްސައިޓް ލޯންޗު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުޙައްމަދު ޝާމިރު ވިދާޅުވީ ޒަމާނީ ޓެކްނޮލަޖީގެ ވަސީލަތްތައް ބޭނުންކުރަމުންދާ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ވެބްސައިޓްގެ ސަބަބުން ރައްޔިތުންނަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފަސޭހަކަމާއިއެކު ލިބިގެންދާނެކަމަށެވެ.