ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ އައު އިމާރާތެއް ކޮލެޖް ފެންވަރުގައި އެޅުމަށްޓަކައި ބޭނުންވާ ބިން އެޑިޔުކޭޝަން މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމަށް އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާތިފްއެވެ.
''ރާއްޖެއެމްވީ'' އާ ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިއީ އެއްހާސް ކުދިންނަށް ތައުލީމް ހާސިލް ކުރެވޭ ވަރުގެ ޖާގަ ތަނަވަސް ސްކޫލެއް ކަމަށާއި މި ސްކޫލަކީ ކޮލެޖް ކޮންސެޕްޓަށް ފަރުމާ ކުރާ ސްކޫލެއް ކަމަށެވެ.
މި ސްކޫލުގެ މަސައްކަތް ވީހާވެސް އަވަހަށް ފައްޓާނެ ކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ މި ސްކޫލުގައި ކިޔަވަން ފެށުމުން މާލޭގައި ހުރި ސީއެޗްއެސްސީ ބަދަލުވެގެންދާނީ ހުޅުމާލެއަށް ކަމަށެވެ. އެހެންކަމުން ތޮއްޖެހިފައިވާ މާހައުލުން ކުދިން ދެން ތައުލީމް ހާސިލްކުރަމުންދާނީ ހިތް ފަސޭހަ ޖާގަ ތަނަވަސް ސްކޫލެއްގައި ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޑީއެމްޑީ ވިދާޅުވީ މިއީ ހުޅުމާލެއިން ސްކޫލުތަކަށް ކަނޑައަޅާފައިވާ ބިންތައް އެޑިއުކޭޝަން މިނިސްޓްރީއާއި ހާވަލުކުރުން ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ބިންތައް މިގޮތަށް އެޑިޔުކޭޝަނާއި ހަވާލު ކުރާނެ ކަމަށެވެ.
ސަރުކާރުގެ އަމަޒަކީ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ ސިޔާސަތު ކަމަށްވާއިރު މިހާރު ވެސް ރާއްޖޭގައި ހުރި އެންމެ ބޮޑެތި ސްކޫލުތައް ހުރީ ހުޅުމާލޭގަ އެވެ. އެގޮތުން ހުރަވީ ސްކޫލާއި ރެހެންދި ސްކޫލަކީ ގިނަ އަދަދެއްގެ ކުދިން ތައުލީމް ހާސިލް ކުރަމުންދާ ސްކޫލުތަކެކެވެ.