ކޮވިޑް-19 އަށް އިތުރު 59 މީހަކު ޕޮޒިޓިވްވެ، 46 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އަށް 59 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ 29 ދިވެހިންނާއި، އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 30 މީހުންނެވެ. މީގެ ތެރެއިން 26 މީހަކު މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއާ ރިސޯޓުތަކުން 33 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1471 ސާމްޕަލެއް ޓެސްޓްކޮށްފައިވާއިރު، 46 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ. މި ވަގުތު 789 އެކްޓިވް ކޭސް ހިމެނޭއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 216 މީހަކު އެބަތިއްބެވެ. އަދި 55 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައެވެ.
ރާއްޖެއިން މިހާތަނަށް 11،796 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 10،962 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 38 މީހަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މަދުވި ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެއެވެ. އެހެންކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.