ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 05:33
ޗެލްސީއަށް ދެ ލަނޑު ޖަހައިދިން ވިލިއަން، ލަނޑަކަށްފަހު އުފާ ކުރަނީ
ޗެލްސީއަށް ދެ ލަނޑު ޖަހައިދިން ވިލިއަން، ލަނޑަކަށްފަހު އުފާ ކުރަނީ
ސްކައި ނިއުސް
އިނގިރޭސީ އެފްއޭކަޕް
އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ
ފައިނަލްގައި އާސެނަލް ނޫނީ މެންޗެސްޓަރ ސިޓީ އާ
ދެހާސް ބާރަ ވަނަ އަހަރުގެ ފަހުން ފުރަތަމަ ފައިނަލް
ސެމީފައިނަލުން، ޓޮޓެންހަމް ޖެހިޖެހިގެން ބަލިވި ހަތްވަނަ ފަހަރު

ވާދަވެރިކުޅުމަކަށްފަހު ޓޮޓެމްހަމް ހޮޓްސްޕާ ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

 

ހޮނިހިރު ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ޓޮޓެމްހަމްގެ މައްޗަށް ޗެލްސީން ކުރިހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.

 

ލަންޑަނަށް ނިސްބަތްވާ ދެޓީމުގެ ކުރިމަތިލުމުގައި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީންވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މެދުތެރެއަށް ކުޅެމުން އަންނަ ބްރްޒެލްގެ ވިލިއަންއެވެ.

 

ޗެލްސީގެ ލަނޑާއެކު ޓޮޓެމްހަމްގެ ކުޅުން ވަރުގަދަ ޗެލްސީގެ ހާފަށް ބާރު ބޮޑު ކުރަމުން ގެންދިޔުމުގެ ނަތީޖާއަކީ 18 ވަނަ މިނިޓުގައި އެރިކްސަން ގޯލް ކުރިމައްޗަށް ހުރަސް ކޮށްލަދިން ބޯޅައެއް، ކޭން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަ ކުރުމެވެ.

 

ނަތީޖާ ހަމަހަމަ ވުމާއެކު ދެޓީމުންވެސް މޮޅުވުމަށް އިތުރު މަސައްކަތްތަކެއް ކުރަންފެށިއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީއަށް ލިބުނު ހަދިޔާއެއްގައި ނަތީޖާ ބަދަލުކޮށް ލީޑްނެގިއެވެ.

 

ޗެލްސީގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ފާޑުކިޔުންތައް އަމާޒްވި ޕެނަލްޓީ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށް ޗެލްސީއަށް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ވިލިއަންއެވެ.

 

ޗެލްސީން ލީޑު ނެގުމަށްފަހު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް އެއްވަރުގެ ކުޅުމެކެވެ. ދެ ވަނަ ހާފް ފެށިގެން މާ ގިނައިރު ތަކެއްނުވެ ޓޮޓެމްހަމްގެ ޑެލިއަލީ ވަނީ ލަނޑެއް ޖަހާ ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ.

 

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ޗެލްސީގެ ފަރާތުން ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުންދިޔަ ތަނެވެ. އެކަމުގެ ފައިދާ ނަގާ ޗެލްސީގެ އޭރިއާ ތެރެއަށް ހުރަސްކޮށްގެން ޙަމަލާތަކެއް އުފެއްދުމަށް ޓޮޓެމްހަމުން މަސައްކަތްކޮށްފައިވެއެވެ.

 

ދެވަނަ ހާފުގައި ޗެލްސީއަށް ލީޑުނަގައިދިނީ، މިމެޗުގެ އެގާރައިގައި ހިމަނާފައިނުވާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި، ދެވަނަ ހާފްގައި ކުޅެންއެރި އެޑެން ހަޒާޑްއެވެ.

 

ހަޒާޑްގެ ލަނޑު 75 ވަނަ މިނެޓުގައި ފެނިގެންދިޔައިރު ލީޑު ފުޅާކޮށް ފައިނަލުގެ ޖާގަ ކަށަވަރުކުރި ލަނޑު ޗެލްސީން ޖަހާފައިވަނީ 80 ވަނަ މިނެޓުގައި މަޓިޗްއެވެ.

 

ޗެލްސީން އެންމެ ފަހުން އެފްއޭކަޕްގެ ފައިނަލެއްގައި ކުޅެފައިވަނީ 2012 ވަނަ އަހަރުއެވެ. އެފަހަރު ލިވަޕޫލް ބަލިކޮށް ތަށި ކާމިޔާބުކުރި ފަހުން އެފްއޭކަޕްގެ ފައިނަލަކަށް ޗެލްސީ ދަތުރުކޮށްފައެއް ނުވެއެވެ.

 

ފައިނަލްގައި ޗެލްސީ ބައްދަލުކުރާނީ، އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ، މެޗުން މޮޅުވާ ޓީމަކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް