ސްޕެއިންގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 55،019 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިއީ މިހާތަނަށް މުޅި މި ޕެންޑަމިކްގައި ވެސް ސްޕެއިންގައި އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރި ދުވަސް ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އެ ގައުމުގައި ހުކުރު ދުވަހު ވައިރަސް ޖެހިގެން ރިކޯޑްކޮށްފައި ވަނީ 25،595 މީހުންނެވެ.
ހޯމަ ދުވަހު 379 މީހުން މަރުވެފައިވާއިރު އެ ގައުމުގައި މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 36،257 އަށް އަރާފައެވެ. ސްޕެއިންއަށް މި ރޯގާގެ ދެވަނަ ރާޅެއް އައިސްފައިވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެ ގައުމުގައި މިދިޔަ ހަފްތާގައި ވަނީ ހަ ދުވަހުގެ ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފައެވެ.
379 މީހުން ހޯމަ ދުވަހު މަރުވެފައިވާއިރު މިއީ މިހާތަނަށް ސެކަންޑް ވޭވްގައި އެންމެ ގިނަ މީހުން އެއް ދުވަހާ މަރުވެގެން ރިޕޯޓްކުރި ދުވަހެވެ. ނަމަވެސް ސްޕެއިންގައި މީގެ ކުރިން ވައިރަސް ފެތުނުއިރު އެއް ދުވަހާ 900 މީހުން ވަނީ މަރޗް މަހުގެ ފަހުކޮޅު މަރުވެފައެވެ.
ސްޕެއިންގައި ގިނަ އަދަދެއްގެ ބަޔަކަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން މި އަންނަނީ ހަފްތާ ބަންދާއި ޗުއްޓީ ދުވަސްވަރާ ގުޅިގެންނެވެ. ސްޕެއިންގައި މިހާތަނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 1،240،697 އަށް އަރާފައެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ އެ ގައުމުގައި މީގެ ކުރިން ހެދިފައިވާ ޕްރިވެލަންސް ސްޓަޑީޒްތައް ދައްކާ ގޮތުގައި އެ ގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ތިން މިލިއަނަށް ވުރެ އިތުރުވާނެއެވެ.
ސްޕެއިންގެ ބައެއް ހިސާބުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއެކު އެ ސަރަހައްދުތައް ލޮކްޑައުންކުރުމަށް އެ ސަރަހައްދުތަކުން ވަނީ މައި ސަރުކާރުގައި އެދިފައެވެ. އެހެންނަމަވެސް އެ ގައުމުގެ ހެލްތު މިނިސްޓަރ ސަލްވަޑޯރ ވަނީ ފުލް ލޮކްޑައުންއަކާ ދިޔުމަށް އިންކާރު ކުރައްވާފައެވެ. އަދި ކާފިއު އިއުލާންކުރުމާއި އިތުރު ފިޔަވަޅުތަކާއެކު އެ ސަރަހައްދުތަކުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ސްޕެއިންގެ މާހިރުން ގަބޫލުކުރާ ގޮތުގައި ސްޕެއިންގައި މިހާރު ވައިރަސް ފެތުރޭ މިންވަރަށް ބަލާއިރު ދެ ހަފްތާގެ މުއްތަށް ސްޕެއިން ލޮކްޑައުން ކުރަންޖެހޭނެއެވެ. މިހާރު އަަޅަމުންދާ ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްނުކުރެވޭނެ ކަމަށް މާހިރުން ދެކެއެވެ.