ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 05:19
ޤާސިމް އިބްރާހިމް
ޤާސިމް އިބްރާހިމް
ރާއްޖެ އެމްވީ
ޤާސިމް ހައްޔަރުކުރުން
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"
އެކައުންޓްތައް ފްރީޒް ކުރުމަކުން ސަރުކާރުގެ ލޮލަކަށް ނިންޖެއް ނައި
ޤާސިމް ޖަލަށް ލުމަކުން ސަރުކާރުގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނު

ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީ އާއި، ޤާނޫނީ ސަރުކާރު ވައްޓާލަފާނެތީ އާއި، ބަޔަކަށް ރިޝްވަތު ދީފާނެތީ ކަމަށް ބުނެ ޤާސިމް އިބްރާހިމް ހައްޔަރުކޮށް ބަންދަށް 15 ދުވަހުގެ މުއްދަތު ޖެހި ޚަބަރާއެކު އެތައް ބައެއްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެ ޚަބަރާއެކު އެތައް ބަޔަކަށް ހައިރާންކަންވެސް ގެނުވިއެވެ.

ޤާސިމް އިބްރާހިމް ހައްޔަރުކޮށް 15 ދުވަހަށް ޖަލުގައި ބަންދުކުރި ޚަބަރު އިވުމުން އެހެން މީހުންނެކޭ އެއްފަދައިން އަޅުގަނޑަށްވެސް އަސަރުތަކެއް ކުރި އެވެ. ޤާސިމް އަޅުގަނޑު ދަންނަނީ ރާއްޖޭގައި ހުރި އެންމެ މުއްސަނދި މަހުޖަނުގެ ގޮތުގައި އެކަންޏެއް ނޫނެވެ. ވަރަށް ކުޑަ އިރުއްސުރެ އަޑު އިވޭ ގޮތުން ޤާސިމް އިބްރާހިމް ނުވަތަ ބުރުމާ ޤާސިމް އަކީ ދީލަތި ބޭފުޅެކެވެ. ހެޔޮ ބޭފުޅެކެވެ. އޯގާތެރި ބޭފުޅެކެވެ. މީހުންނަށް އަޅާލާ އިހްސާންތެރި ބޭފުޅެކެވެ. ބޭނުން ޖެހިފައިވާ މީހުންގެ މުހުތާދުތައް ފިލުވައިދޭ އެހީތެރި ބޭފުޅެކެވެ. މުއްސަނދި ވުމަކުން، ތަނަވަސް ވުމަކުން، އިއްޒަތްތެރި ވުމަކުން ނިކަމެތި މީހާގެ މަތިން ހަނދާން ނައްތައެއް ނުލައްވައެވެ. ކެންސަރު ޖެހިފައިވާ މީހުންނާ، ހިތުގެ ބަލީގެ މީހުންނާއި ކިޑްނީ ބަލީގެ މީހުން ފަދަ ބޮޑެތި ބަލިތަކުގައި އުޅެމުންދާ މީހުންގެ ބޭސްފަރުވާ އަށް ދުވާލެއްގެ މައްޗަށް ލައްކައިން ދެ ލައްކައިން ޚަރަދު ކުރައްވަމުން ގެންދެވިއިރު އިންޑިޔާގެ ޓްރިވެންޑްރަމްގައި އޮފީސް ޤާއިމް ކުރައްވައިގެން، ބޭސްފަރުވާއަށް އެދި ޤާސިމް އަރިހަށް ދިޔަ ކޮންމެ މީހަކަށް އެކަން ކޮށްދެއްވަމުން ގެންދެވިއެވެ. ސްކޫލާއި ކޮލެޖް އަޅުއްވައިގެން ރާއްޖޭގައި ދިވެހި ދަރިންނަށް ތަޢުލީމް ދެއްވަމުން މަތީ ތަޢުލީމަށް ރާއްޖެއިން ބޭރަށް އެތައް ކުދިންނެއް ފޮނުއްވަމުން ގެންދެވިއެވެ. އެންމެ ކުރީއްސުރެ އަޅުގަނޑު އަޑުއަހާ ގޮތުން ނަމަ ޤާސިމް އިބްރާހިމްގެ އެހީތެރި ކަމުގެ މިންވަރެއް ނުލިބޭ އެއްވެސް އާއިލާއެއް މި ދިވެހި ރާއްޖެއަކު ނުއޮންނާނެ އެވެ. އާދައިގެ ފަރުދެއް، ވަޒީރެއް، ރައީސުލް ޖުމްހޫރިއްޔާއެއް މިކަމުގައި ތަފާތެއް ނެތެވެ.

ކޮންމެ އަކަސް މިދެންނެވި ޤާސިމް އިބްރާހިމް ސިޔާސީ ޕާޓީއެއް އުފައްދަވާ އިސްލާހުގެ މަސައްކަތަށް ނުކުންނަވާ، ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ހިސާބުން ކޮންމެވެސް ދުވަހަކުން ލުނބޯ ހުތް ކިބައެއް ފެލާލާހެން ޤާސިމް ފެލާލާނެ ކަމަށް ކޮންމެވެސް ބޭފުޅަކު ވިދާޅުވި ވާހަކަ ޤާސިމްގެ ދުލުން އިވުނު ދުވަހު އެންމެ ފުރަތަމަ އެވާހަކަ އަޅުގަނޑެއް ޤަބޫލެއް ނުކުރަމެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ޤާސިމް އިބްރާހިމް އާ ދޭތެރޭ ޢަމަލު ކުރާ ގޮތް ފެނުމުން އެވާހަކަ އަޅުގަނޑުގެ ހަނދާނަށް އަތުވެއްޖެ އެވެ. މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ޤާސިމް އިބްރާހިމް ހުންނެވީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ޤާސިމްގެ ޖާނާ މާލުން ޤުރުބާންވެ ވަޑައިގެންނޭ ކިޔާތީ އަޑުއަހަމެވެ. ނަމަވެސް އޭރުވެސް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ސަރުކާރުގެ ހިއްސާ އޭރުވެސް ޤާސިމަށް ދީފައި އޮތީ "ނާލާފުށީ ފަޤީރު ކޮޔަށް ގެރި ދިން ހެން" ނެވެ. ނަމަވެސް ކެތްތެރިކަމާއެކު ސަރުކާރު ދިފާއު ކުރެއްވުމުގައި ޤާސިމް ކުރައްވަމުން ގެންދެވި އިޚްލާސްތެރި މަސައްކަތުގެ އަގު ޤާސިމަށް މިއަދު ދައްކަން ޖެހިފައިވަނީ ކުޑަ ގޮޅީގެ ތޭރިތަކުގެ ފުރަގަހުންނެވެ. މީހުން ބުނާ ގޮތުން ޤާސިމް ޕޯޑިއަމް އަކަށް އެރުއްވިޔަސް، ނޫސް ކޮންފަރެންސެއް ބޭއްވެވިޔަސް، ބަޔަކަށް އިންޓަވިއު އެއް ދެއްވެވިޔަސް، ސަރުކާރަށް ހީވަނީ ޤާސިމް އެ އުޅުއްވަނީ ވެރިކަން ވައްޓާލަން ހެންނެވެ. މީހުން ބުނާ ގޮތުން ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން" ނެވެ.

ޤާސިމް ހައްޔަރުކޮށް މުއްދަތު ޖަހާ ޖަލަށް ލުމަކުން ސަރުކާރުގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެކައުންޓްތައް ފްރީޒް ކުރުމަކުން ރަށްތައް އަތުލުމަކުން ސަރުކާރުގެ ލޮލަކަށް ނިންޖެއް ނައެވެ. ޤާސިމްގެ ކެމްޕެއިން ޖަގަހަ ކުނޫޒްގެ ދޮރުމަތި ކޮނުމަކުން ގޯތި ގެދޮރު ބަލާ ފާސްކުރުމަކުން ސަރުކާރުގެ ދެފައިކޮޅުގައި އަޅަމުންދިޔަ ތުރުތުރެއް ނުހުއްޓުނެވެ. ގިނި ދުށް މީހާ ރަތް މަލަށް ބިރުގަންނާނޭ ބުނާހެން ޤާސިމްގެ ފޮޓޯއެއް ފެނުނަސް، ޕޯސްޓަރެއް ފެނުނަސް ސަރުކާރުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެކަމަކު ދަންނަވަން ތޯއެވެ.

ބިތެއްގައި ހަރުކޮށްފައި ހުންނަ ޕޯސްޓަރެއް ނެގުމަކީ މީހުންގެ ހިތުން އެ ޕޯސްޓަރުގައި އިން މީހާގެ ސޫރަ ފިލައިގެން ދާ ކަމެއް ނޫނެވެ. ޤާސިމް ހައްޔަރުކޮށް ޖަލަށް ލުމަކުން ޤާސިމް އެހީތެރި ވެދިން އެތައް ރައްޔިތުންނެއްގެ ހިތަކުން ޤާސިމްގެ ނަން ފިލުވައެއް ނުލެވޭނެއެވެ. އެކައުންޓެއް ފްރީޒް ކުރުމަކުން ތަނެއްގެ ދޮރުމަތި ކޮނުމަކުން ޤާސިމްގެ ޚިދުމަތެއް މީހުންގެ ހަނދާނަކުން ފިލައިގެނެއް ނުދާނެ އެވެ. ޤާސިމަށް ރީނދުލުގެ ނަސީބު ދިނަސް، ފެން ކައްކާ ބޮލީގެ އިއްޒަތް ދިނަސް، ރައްޔިތުންގެ ހިތަކުން ސިޔާސީ ލީޑަރުންގެ ފިކުރަކުން ޤާސިމަށް ދެވިފައި އޮތް ޤަދަރެއް ފިލައިގެނެއް ނުދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 އޭޕްރިލް 2017 | އަންގާރަ 04:04
Yameen
Furuthama ehee akah dhiyaeema auguraana govai gannaani hmm gendhey mifah aru
24 އޭޕްރިލް 2017 | ހޯމަ 12:05
މަނޭސް
ގާސިމް އިބްރާހިމް އަކީ އެއްވެސް ދީލަތިކަމެއް ހުރި މީހެއްނޫން މުޅިންވެސް އަމިއްލައެދުމަށް ދިންއެއްޗެއް ދިނީ އަޅުގަނޑަށް ދިމާވެފަހުރީ ހަމަގައިމުވެސް އެގޮތަށް
23 އޭޕްރިލް 2017 | އާދީއްތަ 19:59
ޔޫއެން
މަސްމާރުކޭޓާ ދިމާލު އެބަހުރި ވަރައް ހަޑި މުޑުދާރު ބޮޑު ފޮޓޮއެއް އެނަގަން ނޫޅެ ފުލުހުން އެތިބެނީ ކީއްވެބާ