ނިއުޒިލެންޑުގެ ފޮރިން މިނިސްޓަރ ނަނައިއާ މަހުތަމާއަށް މިނިސްޓަރ ޝާހިދު މަރުހަބާ ދަންނަވައިފިއެވެ.
ނަނައިއާއަށް މަރުހަބާ ދަންނަވަމުން އަންގާރަ ދުވަހު މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާވެގެން ދާނެކަމަށް އުންމީދު ކުރާކަމަށްށެވެ.
ނަނައިއާވަނީ މީގެކުރިން ތިން ފަހަރެއްގެ މަތިން ޕާލިމެންޓް މެންބަރުކަން އަދާކުރައްވާފައިވެއެވެ. މީގެއިތުރުން މިނިސްޓަރ އޮފް ކަސްޓަމްސް، މިނިސްޓަރ އޮފް ލޮކަލް ގަވަރމަންޓްގެ އަދި މިނިސްޓަރ ފޯ މައުރީ ޑިވެލޮޕްމެންޓްގެ މަގާމްވެސް އަދާކުރައްވާފައިވެއެވެ.
ނަނައިއާއަކީ ފުރަތަމަ ނިއުޒިލެންޑްއަށް ހިޖުރަ ކުރި މައޮރީ ނަސްލުގެ ދަރިކޮޅަށް ނިސްބަތްވާ ބޭކަނބަލެކެވެ. އަދި މިއީ މައޮރީ ނަސްލަށް ނިސްބަތްވާ އަންހެން ކަނބަލެއް ފޮރިން މިނިސްޓަރ ކަމަށް ހޮވިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަނައިއާއަކީ މައޮރީގެ އާސާރީ ތަތްގަނޑު މޫނުގައި ޖަހައިގެން ޕާލިމެންޓްގެ މެންބަރކަން އަދާކުރެއްވި އެންމެ ފުރަތަމަ ފަރާތްވެސް މެއެވެ.
ނަނައިއާ ފޮރިން މިނިސްޓަރކަމަށް އިންތިހާބުވެވަޑައިގެންނެވީ ނިއު ޒިލެންޑު ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަސިންޑަރ އާޑާންގެ ލޭބަރ ޕާޓީއިންނެވެ.
ޖަސިންޑަރ ދެވަނަ ފަހަރަށް ހޮވިވަޑައިގެންފައި ވާއިރު މިފަހަރު ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތެވެ. އެގޮތުން މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން ދެބައިކުޅަ އެއްބަޔަތްވުރެއް ގިނަ ގޮނޑި ނިސްބަތްވަނީ އަންހެން ކަނބަލުންނަށެވެ. އަދި މީގެ ތެރެއިން 16 ގޮޑި ނިސްބަތް ވަނީ ނިއު ޒީލެންޑަށް އެހެން ގައުމުތަކުން ހިޖުރަ ކުރި ކަނބަލުންނަށެވެ. އަދި މިއީ 1996 ވަނަ އަހަރުގެ ފަހުން ޕާލިމެންޓް އިންތިހާބުން ސިޔާސީ ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.