ޖަރުމަނު ބުންޑަސް ލީގާގައި ހޮނިހިރު ދުވަހުގެ ރޭ ތާވަލްގެ ތޭރަ ވަނައިގައި އޮތް މެއިންޒްގެ އަތްދަށުން ބެޔާން މިއުނިކަށް ސަލާމަތް ވެވޭގޮތެއް ނުވިއެވެ.
ބެޔާންގެ ދަނޑުގައި ކުޅުނު މެޗު ނިމުން 2-2 އިން އެއްވަރު ވެގެންނެވެ. މި ނަތީޖާއާއެކު ބެޔާން މެޗަކުން މޮޅުނުވާތާ ހަތަރެއް ހަމަވީއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ސްޕެއިންގެ ރެއާލް އަތުން ބަލިވެ މުބާރާތާއި ވަކިވާންޖެހުނު ބެޔާން މިހާރު އޮތީ ނުވަ ޕޮއިންޓްގެ ފަރަގަކާއެކު ތާވަލްގެ އެއްވަނައިގައެވެ. ލީގުގައި ބެޔާންއަށް ބާކީ އޮތީ ފަސްމެޗެވެ.
މެޗުގެ ތިން ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ މެއިންޒް އިންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ބޯޖަންއެވެ. އޭގެ އިރުކޮޅެއް ފަހުން ބެޔާނުންވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.
ތޭރަވަނަ މިނެޓުގައި ރިބެރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑުޖަހާފައިވަނީ ރޮބެންއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެއިންޒްގެ ފަރާތުން ދެވަނަ ލަނޑެއްވަނީ ފެނިފައެވެ.
ފުރަތަމަ ހާފްގެ ސާޅީސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބްރޮސިންސްކީއެވެ. ބެޔާންއިން ނަތީޖާ ހަމަހަމަ ކުރާ ފަހުހާފްގެ ހަތްދިހަ ތިން ވަނަ މިނެޓުގައެވެ.
ތިއާގޯ އަލްކަންޓަރާ ލަނޑަށްފަހުވެސް ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސްވެފައިވެއެވެ.