އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮނުއްވާފައިވާކަމަށެވެ. އެހެންނަމަވެސް މެމްބަރުންނަށް ބަޖެޓް ފެނިވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓް ހުށަހެޅުއްވީމަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ބަޖެޓް ހުށަހެޅުމާއެކު ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ދާނެ އެވެ. ބަޖެޓް ދިރާސާކުރުމުގެ މަސައްކަތްކުރަނީ މާލިއްޔަތު ކޮމިޓީ އާއި އިގްތިޞާދީ ކޮމިޓީ ގުޅިގެންނެވެ.
ބަޖެޓަށް ބަހުސްކުރަން މަޖިލީހުގެ ތަޅުމުގައި ފަށާނީ 7 ދުވަސް ފަހުންނެވެ. އެހެންކަމުން ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހު ބަޖެޓަށް ބަހުސްކުރުމަށް މަޖިލީހުގައި ފަށާނެ އެވެ. ރައީސް ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ ފުރުސަތެއް ކޮންމެ މެމްބަރަކަށްވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ބަޖެޓްގެ މަސައްކަތް ޑިސެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި ނިންމާލެވޭވަރުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަހަރުގެ ބަޖެޓަކީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ލަފާ ކުރި ވަރަށް އާމްދަނީ ލިބިފައި ނުވެއެވެ. މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.