ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 08:26
އިޓަލީގެ ހެލްތު މިނިސްޓަރ
އިޓަލީގެ ހެލްތު މިނިސްޓަރ
ރޮއިޓަރސް
ކޮވިޑް-19 - އިޓަލީގެ ހާލަތު
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިޓަލީގައި އިތުރު ފިޔަވަޅުތައް އަޅަނީ
 
އިޓަލީގެ ގިނަ ސިޓީތަކެއްގައި އަންނަނީ ކާފިއު ހިންގަމުން
 
ހޮނިހިރު ދުވަހު އިޓަލީގައި ވަނީ 32،000 މީހުންނަށް ކޮވިޑް-19 ޖެހިފައި

ދެވަނަ ވޭވްގައި އިޓަލީގައި ކޮވިޑް-19 ފެތުރެމުންދަނީ ހަލުވިމިނުގައި ކަމަށާއި އައު ޑާޓާތަކުން ފެންނަނީ ބިރުވެރި މަންޒަރެއް ކަމަށް ވިދާޅުވި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު އިޓަލީގައި ވަނީ 32،000 މީހުންނަށް ވައިރަސް ޖެހިފައެވެ. މިއީ މުޅި މި ޕެންޑަމިކްގައިވެސް މިހާތަނަށް އިޓަލީގައި އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ދުވަހެވެ. އިޓަލީގައި މިހާތަނަށް އައިއިރު މިބަލީގައި 38،618 މީހުން ވަނީ މަރުވެފައެވެ.

އިޓަލީގެ ހެލްތު މިނިސްޓަރ ރޮބާރޓޯ ސްޕެރަންޒާ ވިދާޅުވީ އިތުރު ފިޔަވަޅުތައް އެޅުމަށް އޮތީ 48 ގަޑީއިރު ކަމަށެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި ފެންނަނީ އަލުން ލޮކްޑައުން އަކަށް ދިއުން ކަމަށާއި ނަމަވެސް ސްކޫލްތަކާއި ޕަބްލިކް ޓްރާންސްޕޯރޓްގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާމެދު އަދިވެސް ވިސްނަންޖެހޭ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އިޓަލީ ވަނީ މިއަހަރުގެ މަރޗް މަހުގައިވެސް ލޮކްޑައުންކޮށްފައެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިދިއަ ހަފްތާގައި އިޓަލީ ސަރުކާރުން ވަނީ ވިޔަފާރިތައް ހިންގާ ގަޑިތައް މަދުކޮށްފައެވެ. އެގޮތުން ބާރތަކާއި ރެސްޓޯރެންޓްތައް އިރުއޮއްސި ހައެއް ޖަހާއިރު ބަންދުކުރަން ޖެހޭއިރު ޖިމްތަކާއި، ސިނަމާ އަދި ތިއޭޓަރ ތައް ވަނީ ބަންދުކޮށްފައެވެ.

އިޓަލީގެ ގިނަ ސިޓީތަކެއްގައި އަންނަނީ ކާފިއު ހިންގަމުންނެވެ.

އިޓަލީގެ ބޮޑުވަޒީރު ކޯންޓޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އަލުން ލޮކްޑައުން އަކަށް ނުގޮސް ކުރެވޭނެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ފަހުން އެޅި ފިޔަވަޅުތަކާއެކުވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ދެން އަޅާނެ ފިޔަވަޅުތައް ހޯމަ ދުވަހުގެ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް ބެލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް