ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސް ކަމުން ވަކިކޮށްފައިވަނީ ޤާނޫނޫ އަސާސީއާއި ޚިލާފަށް ކަނޑައަޅައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ވެސް ޑރ. ޖަމީލް އަމިއްލަފުޅަށެވެ. އެގޮތުން މި މައްސަލައިގެ ފުުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުން ތާވަލްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހަށެވެ.
ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އޭރު މަޖިލީހުގެ މެޖޯރިޓީ އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މެންބަރުން ހުށަހަޅައިގެން ކުރިއަށް ގެންދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ރައީސް ޔާމީިންގެ ސަރުކާރު ނިމެންދެން އިނގިރޭސި ވިލާތުގައި ޑރ ޖަމީލު މަޑުކުރެއްވިއެވެ. ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ރައްޔިތުންގެ މަޖިލީހުގައި ނަގައި މަޤާމުން ދުރުކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ޖަމީލް މަޤާމުން ވަކިކުރަން 78 މެންބަރުން ވޯޓް ދެއްވި އިރު، އޭނާއާއި ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓް ދެއްވާފައެވެ.
ޖަމީލް މަގާމުން ވަކިކުރުމަށް ފަހު ނައިބު ރައީސްގެ މަގާމަށް ދެން ވަޑައިގަތީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ޖަމީލު ހުށަހެޅުއްވި މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެގޮތުން ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމް އެވެ.
މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލު ކުރި ފަހުން އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެން ބައްލަވާ ފުރަތަމަ މައްސަލަކަން ވެސް ފާހަގަކޮށްލެވެއެވެ.