ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 00:29
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސް އޮފީސް
ނައިބް ރައީސް
ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ މުހިންމުކަމެއް: ނައިބު ރައީސް
ނައިބު ރައީސް ވަނީ އެ މަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އައުކުރައްވާފައި
ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އީ.ޕީ.އެސް.އިން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަ ކުރެއްވި

ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް) އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީޕީއެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާ ނެރެދެއްވުމާއި، އީޕީއެސް ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާޙްކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދިއްތަ ދުވަހު ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެ މަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އައުކުރައްވާ، އީޕީއެސް ސްކޫލުން ދަރިވަރުންގެ ތަރުބިއްޔަތަށް ކުރެއްވި ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން، އީޕީއެސް ސްކޫލުން ދަރިވަރުވި އެތަކެއް ބަޔަކު މިއަދު ޤައުމުގެ ޒިންމާދާރު އެކިއެކި މަޤާމުތަކާއި މަސައްކަތްތަކުގައި ޚިދުމަތްކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އީޕީއެސް ސްކޫލުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި މުދައްރިސުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ޖަލްސާގައި ނައިބު ރައީސް ވަނީ އީޕީއެސް ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހަނދާނުގައި ނެރުނު "އީޕީއެސް ހަނދާން" މަޖައްލާ ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވާފައެވެ.

އީޕީއެސް ސްކޫލް އުފެދުނީ 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެ ސްކޫލުން 26,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކޮށްފައިވެއެވެ.

- ކޮމެންޓް