ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 20:58
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލިސް
ސިޔާސީ ދުނިޔެ
ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ނާއިންސާފުން އެއްވެސް ކަމެއް ނުކުރައްވާނެ: އިމްތިޔާޒް
ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވަނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން
ފަނޑިޔާރުން ކޮރަޕްޓް ކުރުމުގެ ނިޔަތެއް އެމަނިކުފާނުގެ ނޯންނާނެ
އިންސާފުން ނޫން މަގަކުން މަސައްކަތެއް ނުކުރައްވާނެކަން އެއީ ސަތޭކަ ޕަސެންޓް ޔަގީންކަމެއް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވައިގެން އިންސާފުން ބޭރުން އެއްވެސް ރައްޔިތަކާ ދެކޮޅަށް ކަމެއް ނުކުރައްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވަނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ޤާނޫނު އަސާސީގައި އެގޮތަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ޖޭއެސްސީގައި އިންނެވި ނަމަވެސް، އެބޭފުޅާއަކީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށާއި އެފަދަ ކަމަކަށް ހިތްވަރުވެސް ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށާއި ވަކި މީހަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށްވެސް އެމަނިކުފާނު އެދިނުލައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ފަނޑިޔާރުން ކޮރަޕްޓް ކުރުމުގެ ނިޔަތެއް އެމަނިކުފާނުގެ ނޯންނާނެ. އިންސާފުން ނޫން މަގަކުން މަސައްކަތެއް ނުކުރައްވާނެކަން އެއީ ސަތޭކަ ޕަސެންޓް ޔަގީންކަމެއް. އެމަނިކުފާނު އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ އިންސާފާ ހިލާފަށް. މީހަކަށް އަނިޔާއެއް ދިނުމަކަށް މީހަކަށް ފަސާދަކޮށް ރިޝްވަތު ދިނުމަކަށް.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

އިމްތިޔާޒް ވިދާޅުވީ، މިހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު މިވަގުތު ޖޭއެސްސީގައި އިންނަވަން އެންމެ އައުލާކަން ބޮޑު ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ. ހަމައެއާއެކު ޖޭއެސްސީގެ ރައީސްގެ މަގާމުގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއަކީވެސް އެފަދަ ގޮތަކަށް އަމަލުތައް ބަހައްޓަވާނެ ބޭފުޅެއް ނޫން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ، ހިސާންއަކީ ފަސްބައި ރީތި، ކޮރަޕްޝަނުގެ އަމަލެއް ދުވަހަކުވެސް ހިންގަވާފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެކަމަނާއަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

އިމްތިޔާާޒް ވަނީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހުކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން މިހާރު ކުރެވެމުންދާ މަސައްކަތް ފާހަގަކޮށް، އެކަންކަން ހަމަ މަގުން ގެންގޮސް، ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ކަންކަން ކުރެވިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

- ކޮމެންޓް