ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާ އަވަށްޓެރި އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނުކުރެވުނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާދިއްތަ ދުވަހު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހުއެވެ. އެގޮތުން އިންޑިއާ ސަރުކާރުން ވަނީ ތަފާތު އެކި ވިޔަފާރިތައް ކުރައްވާ ވިޔަފާރިވެރިންނާއި، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދަ ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ ތެރެއިން އެ ގައުމުން އަންނަނީ ރާއްޖެއަަށް ގިނަގުނަ އެހީތައް ފޯރުކޮށްދެމުންނެވެ. ވަކިން ހާއްސަކޮށް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ އޮންނަ ގުޅުމުގެ ތެރެއިން ރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި، ބޭސް ފަރުވާގެ ނިޒާމަށް އަންނަނީ ހެޔޮ ބަދަލުތަކެއް ފެންނަމުންނެވެ.
އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަން އޮތް ނަމަވެސް، އެ ގައުމާއެކު ރާއްޖެއިން ބަދަހިކުރަމުންދާ ގާތްގުޅުމުގެ ތެރެއިން މިހާރު ވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ހަމަ އެއާއެކު، ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ކޮންސިއުލަރ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޚާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރުކުރުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ. މިކަމާ ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރަށާ ޚާރިޖީ ވަޒީރަށް ޝުކުރު އަދާ ކުރައްވާފައެވެ.