ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް އެދެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓް ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ޖުޑީޝަރީ ކޮމެޓީން އެގޮތަށް ނިންމިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ޕީޖީ އޮފީހުގައި އެ މައްސަލަ މުރާޖައާކޮށްދިނުމަށް އެދިފައެވެ.
ކޮމެޓީން މި މައްސަލަ ނިންމިއިރު، ތިން ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ. ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާ ފުލުހުން ފަދަ ކަމާގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާއެރުވުމެވެ. ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީއިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާއެރުވުމެވެ. އަދި ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާކުރުމާމެދު ޕީޖީ އޮފީހުން ނިންމާ ނިންމުން ޖުޑީޝަރީ ކޮމިޓީއަށް ހިއްސާކުރުމެވެ.
ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މި މައްސަލަ ނިމެންދެން މަޖިލީހުންވެސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވިއެވެ. މި މައްސަލައާއި ގުޅިގެން ކުރިމަތިވީ ފިއްތުންތަކާއި ގުޅިގެން އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.