ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިންނާއި، އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހާއްސަ ރިސޯޓެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ކުރަން ނިންމިކަން އިއުލާންކޮށް، ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮވިޑް ޖެހިފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވޭ ފަތުރުވެރިންނާއި މުވައްޒަފުން ބައިތިއްބަން ޝައުގުވެރިވާ ރިސޯޓުތަކުގައި ހުންނަން ޖެހޭ ޝަރުތުތަކެއް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިޒޯޓެއްގައި ހުންނަން ޖެހޭ ޝަރުތުތައް:
- މަދުވެގެން 50 ކޮޓަރީގެ ރިޒޯޓަކަށްވުން.
- މާލެ އަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) ނުވަތަ ފެލިދިއަތޮޅު (ވ) ރިޒޯޓެއް ކަމުގައިވުން.
- 3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިޒޯޓް ލިބުން.
- ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެން ހުރުން.
- ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވުން.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 10 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 09 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީގެ އީމެއިލް[email protected]އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، ފޮނުވުމަށް ވަނީ އެދިފައެވެ. މިކަމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.