ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 00:56
މުބާރާތުގައި ވިލާ ސްކޫލާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗުގެ ތެރެއިން
މުބާރާތުގައި ވިލާ ސްކޫލާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ސްކޫލް ފުޓުބޯޅަ މުބާރާތް
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ފައިނަލަށް
އަހުމަދިއްޔާ އަދި ސީއެޗްއެސްސީ ކުޅުނު މެޗު އެއްވަރުވެ އަހުމަދިއްޔާ ވަނީ މުބާރަތުން ކަޓާފައި
ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ 24 ވަނަ ދުވަހު ސީއެޗްއެސްސީ އާއި ދ.އަތޮޅު ތައުލީމީ މަރުކަޒު ކުޅޭ މެޗު ކާމިޔާބުކުރާ ޓީމަކަށް

އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް  ދަތުރުކޮށްފި އެވެ.

ވިލާއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ހޮނިހިރު ދުވަހު ދ. އަތޮޅު ތައުލީމީ މަރުކަޒާ ދެކޮޅަށް ކުޅުނު އެޓީމުގެ  އެންމެ ފަހު މެޗް  އެއްވަރުވެ، ޖުމަލް 8 ޕޮއިންޓް ހޯދުމުންނެވެ.

މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގައި ވާދަކޮއްފައިވަނީ ފަސް ސުކޫލަކުންނެވެ. އެހެންކަމުން ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމެވެ.

ހޮނިހިރު ދުވަހު އަހުމަދިއްޔާ އަދި ސީއެޗްއެސްސީ ބައްދަލުކުރި މެޗު އެއްވަރުވެ، އަހުމަދިއްޔާ ވަނީ މުބާރާތުން ކަޓައިފަ އެވެ. މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އަހުމަދިއްޔާ މުބާރާތުން ކެޓި ނަމަވެސް އެޓީމަށް އަދި 1 މެޗު ކުރިއަށް އެބަ އޮތެވެ. އެ މެޗުގައި 24 ވަނަ ދުވަހު އެޓީމު ނިކުުންނަން ޖެހޭނީ މުބާރާތުން ކަޓާފައިވާ އަރަބިއްޔާ ސްކޫލާ ދެކޮޅަށެވެ.

 މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގައ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮއްދިނީ އަހަދުﷲ އަބްދުﷲ އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނީސް ސީއެޗްއެސްސީއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި 76 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވާއިލް އަލީ ހަސަން އެވެ.

ހޮނިހިރު ދަވަހު ކުޅުނު ދެވަނަ މެޗަށް ބަލާއިރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ވިލާއިންނެވެ. އެޓީމުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ ވަރަށް ކައިރި ކައިރީގަ އެވެ. ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި އިޔާން އަހުމަދު ރަޝީދް ކާމިޔާބު ކޮށްދިންއިރު ދެ ވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހަންމަދު ޝަމްވީލް އެވެ.

ފުރަތަމަ ހާފު ވިލާއިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ކުޅުން އިތުރަށް ވަރުދަގަ ކޮއްފައެވެ. އެގޮތުން 48 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހަނި ކުރިއިރު އެޓީމުން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. މި ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ މުހަންމަދު ޝާޒީލް އެވެ.

މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ވާނީ 24 ވަނަ ދުވަހު ސީއެޗްއެސްސީ އާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރާ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ވާއިރު އެ މެޗު އެއްވަރު ކޮއްލައިގެން ވެސް ދ. އަތޮޅު ތައުލީމީ މަރުކަޒަށް ފައިނަލުން ޖާގަ ލިބޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް