ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 23:12
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)
މުހައްމަދު ޝަރުހާން
މާލޭ ލީގު
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
ޔޫވީ މެޗުން މޮޅުވުން ވަރަށް މުހިންމު
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު
ފުޓްސަލް މައްސަލަ އަދިވެސް ދިމާވޭ

މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗަށް ފުރިހަމައަށް ޓީމު ތައްޔާރުވެފައިވާ ކަމަށާއި، އެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ މެޗަށް ތައްޔާރުވާން ހަފްތާއެއްހާ ދުވަސް ލިބިފައިވާ ކަމަށާއި، ރަނގަޅު ފަރިތަކުރުންތަކެއް ކުރިޔަށް ގެންދެވިފައިވާ ކަމަށެވެ.

މާލޭ ލީގުގައި ވާދަކުރާ ހުރިހާ ކްލަބެއްވެސް ވަރަށް ވާދަވެރިކަމަށް ފާހަގަކުރަމުން ފެސްކޯ ބުނީ ޔޫވީ މެޗު ފަސޭހަނުކުރާނެ ކަމަށާއި، ކޯޗިން ސްޓާފުންވެސް ކުޅުންތެރިންނަށް އެކަން ވިސްނައިދޭން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

ޔުނައިޓެޑް ވިކްޓްރީއަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި، އެޓީމުގައި ހުރި ރަނގަޅުކަންތައްތަކަށް ވިސްނައިގެން މެޗަށް ނިކުމެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ފެސްކޯ ވަނީ ބުނެފައެވެ.

ފެސްކޯ ބުނީ ރަނގަޅު ނަތީޖާއެއް މެޗުތަކުން ނުނެރެވޭނަމަ ކޯޗިން ސްޓާފުން، ކުޅުންތެރިން އަދި މެނޭޖްމަންޓަށްވެސް ޕްރެޝާ ދިމާވާނެ ކަމަށާއި، އެހެންނަމަވެސް އެ ދިމާވާ ޕްރެޝާ ހޭންޑަލް ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެކަންތައްތައް މެނޭޖްކުރަން ވީވަރަކުން މައްސައްކަތްކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ވެލެންސިއާގެ ފަރިތަކުރުންތައް ކުރިޔަށްދިޔައިރު، ބައެއް ކުޅުންތެރިން ފުޓްސަލް ކުޅެން ފަރިތަކުރުންތައް ދޫކޮށްލާ ކަމަށާއި، އެކަންތައް ދިމާވަނީ ހަމައެކަނި ވެލެންސިއާ އަށް ނޫންކަމަށްވެސް ފެސްކޯ ވަނީ ފާހަގަނގަކޮށްފައެވެ. ފެސްކޯ ބުނީ މިފަދަކަންތައްތަކުން ކްލަބަށް ވަރަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވާ ކަމަށެވެ.

ފުޓްސަލް ޓީމުތަކުން މާލޭ ލީގުގެ ބައެއް ކުޅުންތެރިން ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ކްލަބްތަކުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން އެފްއޭއެމް އިން ވަނީ ފުޓުބޯޅަ އަދި ފުޓްސަލް ވަކިކޮށް ގަވައިދެއްވެސް ނެރެން ނިންމާފައެވެ. އެ ގަވައިދުގެ ދަށުން ފުޓްސަލް ކުޅޭ ކުޅުންތެރިންނަށް ފުޓުބޯޅައެއް ނުކުޅެވޭނެ އެވެ.

މާލޭ ލީގުގައި ވެލެންސިއާ ހަތަރު މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ވެލެންސިއާ ތިން މެޗުން ވަނީ ބަލިވެފައެވެ. އެހެންނަމަވެސް ހަތަރުވަނަ މެޗު އެޓީމު ވަނީ އެއްވަރުކޮށްފައެވެ. ވެލެންސިއާ އޮތީ އެއް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ. ޔޫވީ މާލޭ ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާއިރު، އެޓީމު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް