ތައިލޭންޑުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވި ނަމަވެސް ގައުމުގެ ރަސްކަމަށާއި ގާނޫނު އަސާސީއަށް އިސްލާހު ނުގެންނަ ނަމަ މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް އެ މުޒާހަރާތަކުގެ ބައިވެރިން ބުނެފިއެވެ.
މުޒާހަރާގެ ބައިވެރި އެއް ކަމަށްވާ ޖަތުޕަޓް ބުނީ އެމީހުން ހުރިހާ ޑިމާންޑުތަކަށް އަމަލު ކުރަން ނުފަށަނީސް މުޒާހަރާތައް ނުހުއްޓާނެ ކަމަށެވެ. އަދި ބޮޑުވަޒީރު ޕްރަޔުތު އިސްތިއުފާ ދެއްވިޔަސް އޭނާއާ އެއްގޮތް މީހަކު އެމަގާމަށް އައުން އެކަށީގެންވާކަމަށާ އެމީހުންނަށް ހަމަ އެފަދަ މައްސަލަތަކެއް ދިމާވާނެ ކަމަށެވެ.
2014 ވަނަ އަހަރު ތައިލޭންޑުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވި ޕްރަޔުތު ޗަން އޮޗާ އެ މަގާމަށް ވަޑައިގަތީ އަސްކަރީ ބަޣާވާތަކުންނެވެ. އަދި އެގައުމުގައި މިހާރު އޮތީ އޭނާގެ އަސްކަރީ ވެރިކަމުން އެކުލަވާލި ގާނޫނު އަސާސީއެކެވެ. އެ ގާނޫނު އަސާސީގައި ބުނާ ގޮތުން ގައުމުގެ ސެނެޓުގައި ތިއްބަވާ 250 މެމްބަރުން އައްޔަން ކުރަނީ ތައި އަސްކަރިއްޔާއިންނެވެ.
ތައިލެންޑްގައި ސިލްސިލާކޮށް ބާއްވާ މުޒާހަރާތައް މި އަހަރު ފުރަތަމަ ފެށީ ފެބްރުއަރީ މަހުގަ އެވެ. މި މުޒާހަރާތައް ބާއްވަން އިސްނަގާފައިވަނީ ތައިލޭންޑުގެ ޔުނިވާސިޓީ އަދި މަތީ ސާނަވީ ސްކޫލުތަކުގެ ދަރިވަރުންނެވެ.
ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން މުޒާހަރާތައް ހުއްޓުނު ނަމަވެސް މި އަހަރުގެ މެދުތެރޭގައި އަނެއްކާ ވެސް މުޒާހަރާތައް ކުރަން ފެށުނެވެ. އަދި ޕްރަޔުތް އިސްތިއުފާ ދެއްވުމަށް ދަނީ މުޒާހަރާގެ ބައިވެރިން ގޮވާލަމުންނެވެ. ނަމަވެސް އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.