ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 18:45
ކްރެޑިޓް ގެރެންޓީ ސްކީމުގެ އެގްރީމެންޓުގައި ސޮއި ކުރަނީ
ކްރެޑިޓް ގެރެންޓީ ސްކީމުގެ އެގްރީމެންޓުގައި ސޮއި ކުރަނީ
އެމްއެމްއޭ
ކްރެޑިޓް ގެރެންޓީ ސްކީމު
އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ
މި ސްކީމުގައި ރާއްޖޭގައި ހިދުމަތްދޭ ހުރިހާ ބޭންކް އަކުން ބައިވެރިވެއްޖެ

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކޮށްފައިވާ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ އެވެ.

ކްރެޑިޓް ގެރެންޓީ ސްކީމުގައި ބައިވެރިވެފައިވަނީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އެވެ.

މި ބޭންކާއި އެކު ރާއްޖޭގައި ހިންގާ ގިނަ ބޭންކް އަކުން މި ސްކީމުގައި ބައިވެރިވެވިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެގޮތުން ބައިވެރިވި ބޭންކްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ބޭންކް އޮފް އިންޑިޔާ އާއި ހަބީބު ބޭންކް ލިމިޓެޑާއި ބޭންކް އެފް ސިލޯނުގެ އިތުރުން މޮރިޝަސް ކޮމާޝަލް ބޭންކް ހިމެނެ އެވެ.

ކްރެޑިޓް ގެރެންޓީ ސްކީމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސް ފަސޭހައިން ހޯދޭނެ ގޮތްތަކެއް މަގުފަހި ކުރުމުގެ މަގްސަދުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި އެމްއެމްއޭ އިން ތައާރަފްކޮށްފައިވާ ސްކީމެކެވެ.

މި ސްކީމަކީ ބޭންކުތައް މެދުވެރިކޮށް ލޯނަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ސްކީމެކެވެ.

އެމްއެމްއޭގެ މި ސްކީމުގައި ގިނަ ބޭންކުތައް ބައިވެރިވުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މި ސްކީމުގައި ބައިވެރިވާ ކުންފުނިތަކަށް ރަހުނުގެ ގޮތުގައި މުދާ ބެހެއްޓުމަކާނުލާ އެއް ލައްކަ އިން ފެށިގެން އެއް މިލިއަން ރުފިޔާގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭނެ އެވެ.

މިފަދަ ވިޔަފާރިތަކަށް އެމްއެމްއޭ އިން ގެރެންޓީ ދިނުމުގައި ގިނަ ކަންތައްތަކެއް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސްކީމުގެ ތެރެއިން އާއްމުކޮށް ބޭންކުތަކުން ނަގާ އިންޓްރެސްޓް ރޭޓަށް ވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ލިބޭ އިރު، ލޯނު ނަގަން ބޭނުންވާ ފަރާތަކީ އެއްލައްކަ އަށް ވުރެ ބޮޑު އަދަދެއްގެ ލޯނެއް ކުރިން ނަގާފައިވާ، އޭގެ ފައިސާ އަނބުރާ ދައްކަމުންދާ ފަރާތަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ލޯނަށް އެދި ހުށަހަޅާ ކުންފުންޏަކީ އިމްޕޯޓް މުދާ ވިއްކާ ފަރާތެއް ނަމަ އެތެރެކުރާ ތަކެތި ވާންޖެހޭނީ ތިމާވެއްޓަށް ގެއްލުން ނުވާ، އާއްމު ރައްޔިތުންނަށް އޭގެއިން ފައިދާތަކެއް ލިބޭ ތަކެތި ވިއްކާ ކުންފުންޏަކަށް ވާންޖެހެ އެވެ.

އަދި ރައްޔިތުންގެ އުފެއްދުންތެރިކަން އިތުރުވެ ވަޒީފާގެ ފުރުސަތު ފަހިވެގެންދާ ފަދަ ވިޔަފާރިތަކަށް އިސްކަންދެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

 

 

- ކޮމެންޓް