މާލެ އެއް ނަމްބަރު ފާލަމުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިއްޒުއްދީން ފާލަން ނުވަތަ ރަސްމީ ފާލަމަކީ، ކޮންމެ ސަރުކާރެއްގައި ވެސް ހާއްސަ ސަމާލުކަމެއް ދެވިގެން ބަލަހައްޓަމުން ގެންދިޔަ ތަނެކެވެ. އިހުގައި ދިވެހިވަންތަ ސިފަތަކާއެކު ލަކުޑިން ހަދާފަ ހުރި ފާލަން ހުރި އިރު ވެސް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ފާލަން ބަލަހައްޓަމުން ގެންގޮސްފައި ވެއެވެ. އަދިި އެ ލަކުޑި ފާލަމަކީ، 2015 ވަނަ އަހަރަށް ބަދަލުކޮށް، އަލަށް ހެދި ފާލަމަށް ވުރެ، މަރާމާތު ކުރަން ވެސް ފަސޭހަ، އަދި މާލޭގެ މަލަމައްޗަށް ރީތިކަން ވެސް ގެނުވި ފާލަމެވެ.
2015 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ދިމާކޮށް، އޭރުގެ ސަރުކާރުން އެ ސަރަހައްދުގައި ހުރި ޒަމާންވީ ރީތި ފާލަން ނެގުމަށްފަހު، އަލަށް ހެދި ފާލަން ހަދާފައި ވަނީ ރަނގަޅަށް މަރާމާތުކޮށް ނުބަލަހައްޓައިފި ނަމަ، ހަލާކުވެގެން ދާނެ ފަދަ ގޮތަކަށެވެ. އެހެނީ ވައިމައްޗަށްވާ ގޮތަށް ހުރި އެ ފާލަން ހަދާފައި ވަނީ ގިނަ އަދަދެއްގެ ދަގަނޑު ބޭނުން ކޮށްގެން ކަމަށްވާތީއެވެ.
އޭގެ ފަސް އަހަރު ފަހުން، ރަސްމީ ފާލަން މިހާރު ހުރި ހާލަތަކީ މުޅި ފާލަމުގައި ދަބަރު ޖަހައި، ރަސްމީ ފާލަމުގެ ރީތިކަން ގެއްލި ހަލާކުވާން ކައިރިވެފައިވުމެވެ. ރަސްމީ ފާލަމުގެ ކޮންމެ ދިމާލަށް ބަލާލި ނަމަވެސް މިހާރު ފެންނަން ހުރީ ރަނގަޅަށް މަރާމާތުކޮށް، ނުބެލެހެއްޓުމުގެ ސަބަބުން ދަގަނޑުތައް ދަބަރަށް ފޮޅިފައިވާ ތަނެވެ. ފާލަމުގައި ހަރުކޮށްފައި ހުރި އެކި ދިއްލުންތައް ހަލާކުވެފައިވާ އިރު، ލޮނުން މައްޗަށް ފާލަމުގެ އަރިމައްޗަށް ޖަހާފައި ހުރި ފިލާތައްވެސް ވަނީ ނެއްޓިފައެވެ.
އެހެން ގޮތަކަށް ބުނާނަމަ، ފާލަން ދަބަރަށް ފޮޅި، ފާލަމުގެ ރަސްމީ ސިފަ ވަނީ ގެއްލިފައެވެ.
2015 ވަނަ އަހަރު އެމްޓީސީސީ އާއި ހަވާލުކޮށްގެން ސަރުކާރުން ހެދި އެ ފާލަން ބެލެހެއްޓުމުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކޮށްފައި އޮތީ އެ ކުންފުންޏާއެވެ.
ރަނގަޅަށް މަރާމާތު ނުކޮށް، ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވާން ކައިރިވެފައި ވަނިކޮށް، އެމްޓީސީސީން ވަނީ ހޯމަ ދުވަހު އަނެއްކާ ވެސް އެ ފާލަމުގެ އަވަސް މަރާމާތުތަކެއް ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެއީވެސް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، ކުރާ އަވަސް މަރާމާތުތަކެެވެ. އެކަމަށް އެމްޓީސީސީގެ މުވައްޒިފުން ހުއްޓުމެއް ނެތި އަންނަނީ އެ ސަރަހައްދުގައި މަސައްކަތް ކުރަމުންނެވެ.
ވަކި ހާއްސަ ބެފުޅަކު ރާއްޖެ ވަޑައިގަންނަވާނެ ދުވަހަށް ހަމައެކަނި މަރާމާތުކުރަން އިއްޒުއްދީން ފާލަން ބަހައްޓައިފި ނަމަ، ލޮނަށް ދަގަނޑު ޖަހައިގެން ހަދާފައި ހުރި ތަން އެއްކޮށް ހަލާކުވެ ދިއުމަކީ، ނުވަތަ ބޮޑު މަރާމާތެއް ކުރަންޖެހޭފަދަ ހާލަތަކަށް ދިއުމަކީ ވުން އެކަށީގެންވާ ކަމެކެވެ.