ބޭންކް އޮފް މޯލްޑިވްސް އިން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް، ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސްޓްރެޓެޖީގެ ދަށުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
މި ހިދުމަތާއެކު ކަސްޓަމަރުންނަށް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެެއިޑް ކާޑުގެ ޕިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އަމިއްލައަށް ވަގުތުން ބަދަލުކޮށްލެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ތައާރަފް ކުރެވިގެން މިދިޔަ ޑިޖިޓަލް ޕިންގެ ހިދުމަތާއެކު ކާޑުގެ ޕިން ހޯދުމަށް ބޭންކަށް ޒިޔާރަތްކުރަން ނުޖެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބޭންކުގެ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ރައްކާތެރިކަމާއެކު ކާޑުގެ ޕިން ކަނޑައަޅައި އަދި ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށްވެސް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދުމަށް މަޑު ކުރަންނުޖެހި ވަގުތުން ކާޑުގެ ޕިން ބަދަލުކުރެވޭނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓާ އެއްގޮތްވާގޮތުގެ މަތީން ތައާރަފްކުރެވުނު ހިދުމަތެއް ކަމަށާއި ބޭންކުން މިހާރު މިވަނީ ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިފައި ކަމަށެވެ.
މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީވުމާއި ބޭންކުން އަލަށް ތައާރަފްކުރި އޮންލައިން ކިއުގެ ހިދުމަތްވެސް ޓިމް ފާހަގަކުރެއްވި އެވެ. އަދި ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތައް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެހެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 124 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.