ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 12:40
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު އޭނާ ދަނޑުން ބާލަނީ
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު އޭނާ ދަނޑުން ބާލަނީ
ޓްވިޓަރ
އިބްރާހިމޮވިޗް
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
އިބްރާހިމޮވިޗް އަށް އަނިޔާވީ އަންޑަލެކްޓްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކުޅުމާ ދުރަށް ދިޔަ މުއްދަތެއް އަދި ނޭނގޭ
އިބްރާހިމޮވިޗް ނެތްތަން ފޫބައްދަން ކުރިޔަށް އޮތް މެޗުތަކުގައި ޔުނައިޓެޑަށް އުނދަގޫވާނެ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗްގެ ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އޭނާ އަށް ސީޒަން ނިންމާލަން ޖެހިއްޖެ އެވެ.

ޔޫރޮޕާ ލީގުގައި އަންޑަލެކްޓް އަތުން 1-2 ގެ ނަތީޖާއިން ޔުނައިޓެޑް މޮޅުވި މެޗުގައި އިބްރާހިމޮވިޗްގެ ކަކުލު ހުޅަށް ވަނީ އަނިޔާވެފައެވެ. އޭނާގެ ކަކުލު ހުޅަށް އަނިޔާވީ ބޮލުން ޖަހަން ފުންމުމަށް ފަހު ތިރިވި ވަގުތު ދަނޑު މަތީގައި ފައި އެޅުނު ގޮތަކުންނެވެ.

އިބްރާހިމޮވިޗް އަށް ލިބުނު މި އަނިޔާއާ އެކު ސްޓްރެޗާގައި އޭނާ ބާލާފައިވާއިރު، ބަދަލުގައި އެންތޮނީ މާޝިއާލް ވަނީ އެ މެޗުގައި ކުޅެން އަރުވާފައެވެ. ޔުނައިޓެޑްގެ ކުރީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އިބްރާހިމޮވިޗްގެ އަނިޔާއާ އެކު ޔޫރޮޕާ ލީގުގައި ކުރިޔަށްދާން އެޓީމަށް އުނދަގޫތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބެލެވެއެވެ.

އިބްރާހިމޮވިޗް ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށް ފަހު، މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ އެޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގައި އެޓީމަށް ޖުމްލަ 28 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޔުނައިޓެޑާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އިބްރާހިމޮވިޗް އެންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗަކީ އޭނާ ޔުނައިޓެޑް ޖޯޒީގައި ކުޅުނު ފަހު މެޗަށްވުމަކީ ވެސް ވަރަށް ކައިރީގައި އޮތް ކަމެކެވެ.

އިބްރާހިމޮވިޗް ހޯދަން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު، ޔުނައިޓެޑުން އަންނަނީ އޭނާ އިތުރު އަހަރަކު ކްލަބުގައި ބެހެއްޓުމަށް މަސައްކަތްކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ކްލަބުން އޭނާ އަށް އާ އެއްބަސްވުމެއް ހުށަހަޅަން އުޅޭ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް