އިނިގރޭސިވިލާތުން ލުއި ދިން ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ. މިޔާއެކު ރާއްޖެއިން އިނގެރޭސިވިލާތަށް ދަތުރުކުރުމަށްފަހު 14 ދުވަހު ކަރަންޓީންވާކަށް ނުޖެހޭނެ އެވެ.
ރާއްޖޭގެ އިތުރުން އިތުރުން 3 ގައުމެއް ވަނީ މި ލިސްޓުގައި ހިމަނާފަ އެވެ. އޭގެތެރޭގައި ކެނެރީސް އާއި ޑެންމާކާއި، މައިކޮނޮސް ހިމެނެ އެވެ.
ރާއްޖޭގައި ހުންނަ އިނގެރޭސި ހައި ކޮމިޝަންއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އޮކްޓޯބަރ 25 ވަނަ ދުވަހުން (އަންނަ ހޯމަ ދުވަހުން) ފެށިގެން އެގައުމަށް ދަތުރު ކުރުމަށްފަހު ކަރަންޓީންވާން ނުޖެހޭ ކަމަށެވެ. އަދި މިލުއިތަކާއިއެކު، އެ ޤައުމުގެ ޤައުމީ އެއާލައިން (ބްރިޓިޝް އެއަަރވޭސް) ގެ ދަތުރުތައް ހަފްތާއަކު ތިން ދުވަހަށް އިތުރު ކުރުމާއި ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ކުރިއަށް ވުރެއް އިތުރުވާނެ ކަމަށް އުންމީދު ކުރާކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ބްރިޓިޝް އެއާވޭސް އިން ވަނީ މި މަހުގެ 17 އިން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.
ހައި ކޮމިޝަނުން އިިތުރަށް ބުނީ ކޮވިޑާއެކު ދިރިއުޅެން މިހާރު ދަސްކުރަންޖެހިފައިވާކަމަށެވެ. އަދި އިތުރު ލޮކްޑައުންއަކަށް ދާން އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ޤައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކުރާކަމަށެވެ.
އެ ގައުމަށް ދަތުރުކޮށް ކަރަންޓީވާން ނުޖެހޭ ލިސްޓުގައި ގައުމުތައް ހިމަނަނީ، އެ ގައުމެއްގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރާއި ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމަށްފަހުއެވެ.
މިބަދަލާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއިން ޔޫކޭއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.