މަގާމުގެ ޒިންމާ އަދާ ކުރެއްވި ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަނެއްކާވެސް ދިފާއުވެވަޑައިގެންފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީއާއި މިނިސްޓަރުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެެ. މި ތުހުމަތުތަކާއި ގުޅިގެން 17 އޮގަސްޓް 2020 ން ފެށިގެން އަމީން ހުންނެވީ ވަޒީރުގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވެ.
އަންގާރަ ދުވަހު މަޖިލީހުގެ ސުލޫކު އަދި އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާ މަގާމުގެ ޒިންމާ އަދާ ކުރެއްވި ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެނާ ވިދާޅުވީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކޮށްފައިވާނީ ވެސް އިހްލާސްތެރިކަމާއި އެކު ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރު ހޯދަން ޑަބްލިއުއެޗްއޯއާއި ރަސްމީ އެއްވެސް ސިފައެއްގައި ލިޔެކިޔުންތަކެއް ބަދަލު ކުރެވިފައިނުވާއިރު، މިކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ޑަބްލިއުއެޗްއޯއާ އެކު ކުރެވިފައިވާ މުއަލާމަތުތަަކަކީ ސައްހަ މުއާމަލާތުކަމަށް ގަބޫލުކުރައްވާކަމަށެވެ.
މި އޮޑިޓް ރިޕޯޓާއި ގުޅިގެން މީގެކުރިން ވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިނިސްޓަރ އަދި މި މައްސަލައިގަ ޝާމިލުވާ ފަރާތްތައް ހާޒިރުކުރެވުނެވެ. އެ ކޮމިޓީގައި ވާހަކަދައްކަވަމުން ވެސް މިނިސްޓަރ ވިދާޅުވެފައިވަނީ ރަސްމީގޮތުން މުއާމަލާތެއް ޑަބްލިއުއެޗްއޯއާއި ނުކުރެވޭ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ. އަދި މަގާމުގެ ޒިންމާ އަދާކުރެއްވި ކަމަށް ގަބޫލުކުރައްވާ ކަމަށާއި ހުރިހާ މަސައްކަތެއްވެސް ކުރެއްވީ އިހުލާސްތެރިކަމާއި އެކު ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން މި ވާހަތައް ތަކުރާރު ކުރެއްވިއެވެ.