ދަރަނި އިތުރު ވެފައިވަނީ ބަލާލުމެއް ނެތި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ކުރި ކަންތައްތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 171 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ބޮޑު ސަމާލުކަމެއް ދީގެން މި ސަރުކާރުން މަސައްކަތް ކުރާ އެއްކަމަކީ ދަރަނި މެނޭޖް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިއީ މި ސަރުކާރުން ކުރި ކަމަކާއި ގުޅިގެން އިތުރުވި ދަރަންޏެއް ނޫން ކަަމަށާއި މިއީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރު އެއްވެސް ބަލާލުމެއް ނެތި ކޮށްފައި ހުރި ކަންތައްތަކުގެ ސަބަބުން އިތުރުވި އިތުރުވުމެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.
ދަރަންޏަކީ އަޅުގަނޑުމެން އަތުން އެރި ދަރަންޏެއް ދައްކަން ޖެހިގެން އުޅެނީކީއެއް ނޫން. ދަރަނީގެ ބޮޑު ބައެއް މިއީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރު އުފައްދާފައިވާ ދަރަނި. ވަކިން ހާއްސަ ގޮތެއްގައި ވިޔަފާރި ބޭންކްތަކުންނާއި ވިޔަފާރި ކުންފުނިތަކުން ނަގާފައިވާ އުނދަގޫ ދަރަނި.ރައީސް ނަޝީދު
ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގްވާމީ މުއައްސަސާތަކުން ނަގާފައިވާ ދަރަނި ދައްކަން އުނދަގޫވެގެން ނޫޅޭ ކަމަށެވެ. އުނދަގޫ ވެގެން އުޅެނީ، އުފެއްދި ދަރަަންޏާއި އެއްވަަރަށް ހަރު މުދަލާ އުފެއްދިފައި ނުވާތީ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި، އެކަމާއި ގުޅިގެން ބޮޑު ބުރައެއް އުފުލަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، 2012 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ދޭތެރޭގައި ދަރަނި ނަގައި އިގްތިސާދީ ހަރަކާތްތައް ހިންގި އިރު އެކަމުން އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށެވެ. އަދި، ދަރަނި ގުނާ މިންވަރަށް ވެސް އާމްދަނީއެއް ލިބިފައި ނުވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއީ އެ މުއްދަތުގެ ތެރޭގައި އެއްވެސް ބަލާލުމެއް ނެތި ކަންކަން ކުރުމުގެ ސަބަބުން އާހިރުގައި ނިކުތް ނަތީޖާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން، ވާދަވެރިން އެ މުއްދަތުގެ ތެރޭގައި ގެނެސްފައި ހުރި އުމްރާނީ ތަރައްގީ ނަގައި އެވާހަކަ ދައްކަމުން ގެންދާކަން ފާހަގަކުރައްވައި، ބްރިޖް މަޝްރޫއު އާއި ހުޅުމާލެ ފްލެޓްތަކާއި ހުޅުމާލެ ތަރައްގީ ކުރުމަށް ކުރި މަސައްކަތުން މިސާލު ނަންގަވައި ރައީސް ނަޝީދު ވަނީ އެއިން އެއްވެސް ކަމަކުން އިގްތިސާދީ ފައިދާއެއް އަދި ނިކުމެފައިނުވާ ކަމަށް ވިދާޅުވެފައެވެ.
އަދި އެކަމުގެ އިގްތިސާދަށް ފައިދާ އެއް ނުލިބި ވަނިކޮށް، ބަލިމަޑުކަމަކާއި ކުރިމަތިވުމުގެ ސަބަބުން ސަރުކާރަށް ދަރަނީގެ ކަންކަަމުގައި އިތުރު ތަކުލީފެއް އުފުލަންޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ވަރަށް ވިސްނުންތެރިކަމާއި އެކު އަމަލު ކުރަންޖެހޭ ވަގުތެއް ކަމަށާއި މިއީ ސިޔާސީ ޕޮއިންޓް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަގުތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޒިންމާދާރުވެރިކަމާއި އެކު ހަރަދު ކުޑަ ކުރުމަށް ކިތަންމެ ވާހަކައެއް ދެއްކުނު ނަމަވެސް، ކުޑަ ކުރާ ކޮންމެ ހަރަދަކީ "އާއިލާއެއްގެ އާމްދަނީއެއްގައި އަތްލުން"ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ހަރަދު ކުޑަ ކުރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެއީ ބުއްދިވެރިކަމާއި ވިސްނުންތެރިކަމާއެކު ކުރަން ޖެހޭކަމެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި އެމަނިފާނުގެ ބެއްލެވުމުގެ ދަށުން ފިނޭންސް މިނިސްޓަރ ކުރައްވާ މަސައްކަތުން އަދި ހުރިހާ އެންމެންގެ އެހީތެރިކަމާއި އެކު އޮޑި ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެވޭނެ ކަމަށެވެ.
އަޅުގަނޑަށް މިރޭ ދެންނެވިދާނެ ޒިންމާދާރުވެރިކަމާއިއެކު ހަރަދުތަށް ކުޑަކޮށްގެން ކުރިޔަށް ގެންދަން، އެހެން ނަމަވެސް، ކުޑަކުރާ ކޮންމެ ހަރަދަކީ ހަގީގަތުގައި ކޮންމެވެސް އާއިލާއެއްގެ އާމްދަނީގައި އަތްލުން، ހަރަދުކުޑަކުރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަކަމެއް ނޫން، އެއީ ބުއްދިވެރިިކަމާއި ޒިންމާދާރުވެރިކަމާއި އެކު ބަލައިގެން ކުރަންޖެހޭކަމެއް.ރައީސް ނަޝީދު