ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހަތަރު މެމްބަރަކު އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފި އެވެ.
އެންއައިސީއަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ އާމިނަތު ޝާދިޔާ އާއި އަލްއުސްތާޛާ އާމިނަތު ޝިއުނާ އާއި އަލްއުސްތާޛު ޝުއައިބު އަބްދުއްރަހުމާން އަދި ގާސިމް އަބްދުލްކަރީމް އަށެވެ.
އައިމިނަތު ޝާދިޔާ އާއި އާމިނަތު ޝިއުނާއަށް ރުހުންދޭން ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. މި ދެ ނަމަކީ ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ރިޕޯޓްގައިވެސް ހައިލީ ރިކޮމެންޑެޑްގެ ގޮތުގައި ފާހަގަކޮށްފައިވާ ދެ ނަމެވެ.
ޝުއައިބް އަބްދުއްރަހްމާނަށް ރުހުންދޭން ފެންނަކަމަށް ވޯޓުދީފައިވަނީ 51 މެމްބަރުންނެވެ. ޝުއައިބަކީ ކޮމިޓީ ރިޕޯޓްގައި ރިކޮމެންޑެޑްގެ ގޮތުގައި ފާހަގަކޮށްފައިވާ ދެ ނަމުގެ ތެރެއިން ނަމެކެވެ.
ޤާސިމް އަބްދުލްކަރީމަށް ރުހުންދޭން ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ގާސިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލި ބޭފުޅެކެވެ. އޭރު އޭނާ ހުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރުގެ މަގާމުގައެވެ. އެންއައިސީގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އިއުލާން ކުރުމުން، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ލިސްޓްގައި އޮތީވެސް ގާސިމްގެ ނަމެވެ.
އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށްވާއިރު ކޮމިޝަންގައި މިހާރު ހުންނަވަނީ ދާދި ފަހުން މެމްބަރަކަށް އައްޔަން ކުރެއްވި ކާނަލް (ރޓޑ) އަހްމަދުޖިހާދު އެކަންޏެވެ.