ކުޅުދުއްފުށީ އެއާޕޯޓަށް ގަވައިދާ ހިލާފަށް ވަނުން މަނާކޮށްފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ ޝެޑިއުލް ކުރެވިގެންނާއި ޗާރޓަރ ކޮށްގެން ކުޅުދުއްފުށީ އެއާޕޯޓަށް ބޯޓް ޖައްސާ ގަޑިތަކާއި އަދި އެ ނޫން ވެސް ގަޑިތަކުގައި ރަންވޭ ހިމެނޭ ސަރަހައްދަށް އާންމުން ވަދެ ނުކުމެ އުޅޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން ކުޑަކުދިންނާއި ބޮޑެތި މީހުން ރަންވޭ ސަރަހައްދުގައި ހަރަކާތްތެރިވާ ކަން ފާހަގަ ކުރެވިފައިވާ އިރު، ކައުންސިލުން ބުނީ ބޯޓް ޖައްސާ ސަރަހައްދަށް އާންމުން ވަދެ ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ބައެއްގެ ފުރާނައަށް ގެއްލުން ލިބޭ ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަކަށް ވާތީ މިފަދަ ކަންކަން ނުކުރުމަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.