ފެނަކަ ކޯޕްރޭޝަން ލިމިޓެޑުން ކަރަންޓް ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 44 ޕަސެންޓް އިޔާދަކުރަނިވި ހަކަަތައަށް 2022 ވަނަ އަހަރު ބަދަލު ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި، ފެނަކައިން ކަރަންޓްގެ ޚިދުމަތް ދޭ 22 ރަށެއްގައި 12 މެގަވޯޓުގެ ސޯލާ ޕީވީ ހަރުކުރުމަށް މަޝްރޫއާ ބެހޭ ގޮތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އަމާޒަކީ 2022 ވަަނަ އަހަރުގެ މެދުތެރޭގައި މަޝްރޫއު އިން ކަރަންޓްގެ ޚިދުމަތް ދިނުން ކަމަށެވެ. ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވިއްޖެ ކަމުގައިވާނަމަ މަސައްކަތް ނިންމަން ޖެހޭ ތަރީހަށްވުރެ ކުރިއަށް ނިމެނޭ ކަމަށް ސައީދު ވިދާޅުވިއެވެ.
އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއިން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި މަޝްރޫއު ފުޅާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި 12 މެގަވޮޓް ކަރަންޓަށް ސޯލަރ ޕީވީއާއެކު، ފެނަކައިގެ ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 44 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރެވިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ހަމައެއާއެކު ޖައްވަށްދޫކުރާ ވިހަ ގޭސް 16 ހާސްޓަނުގެ ކާބޮންޑައިއޮކްސައިޑް އަޅުގަނޑުމެންނަށް މަދުކުރެވިގެންދާނެ. ހަމައެކަނި މި 12 މެގަވޮޓުން. ދެން ހަމައެއާއެކު ފެނަކައިގެ މިވަގުތު ވެސް 8 މެގަވޮޓްގެ ސޯލަރ ޕެނަލް އަޅުގަނޑުމެން ބޭނުން ކުރަން ކަރަންޓަށް. އެއީ ގާތްގަނޑަކަށް 48 ރަށެއްގައި. އެހެންވީމަ ޖުމްލަ އަޅުގަނޑުމެންނަށް މި 12 މެގަވޮޓް ކަރަންޓަށް ސޯލަރ ޕީވީ ހަރުކުރެވިގެން ދިޔާމަ ފެނަކައިގެ ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 44 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެވިގެން އެދިޔައީ. 2022 ވަނަ އަހަރުގެ މެދުތެރެއާ ހިސާބުންމެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ސައީދު ވިދާޅުވީ 12 މެގަވޮޓްގެ ސޯލާ ޕީވީއިން ވެސް ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑު ބަޔެއް ރައްކާ ކުރެވިގެންދާނެ ކަމަށެވެ. އަދި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 47 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެ ކަަމަށެވެ.
ފެނަކައިން މިހާރު ވެސް ދަނީ އަތޮޅުތެރޭގެ ރަށްތަކުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުންނަ އިންޖީނުގެތަށް މީހުން ދިރިނޫޅޭ ހިސާބުތަކަށް ބަދަލު ކުރުމާއި، ކަރަންޓުގެ ޚިދުމަތްތަކަށް ދިމާ މައްސަލަތަށް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ފެނަކައިގެ އެއް އަމާޒެވެ.