ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 11:00ން ފެށިގެން ފަތިހު 4:00ށް، އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން ހިމެނޭ ކަމަށެވެ.
އަދި މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް، ރޭގަނޑު 10:30ން ފެށިގެން ފަތިހު 4:00ށް ހުއްޓައިލުމަށް ވަނީ އަންގާފައެވެ.
އެހެންކަމުން ކުރިން ރޭގަނޑު 10:00 ޖަހަންދެން ބޭރުގައި އުޅޭ ވަގުތަށް މިވަނީ ލުޔެއް ދީފައެވެ. އަދި ކެފޭ ރެސްޓޯރަންޓް ހުޅުވާފައި ހުންނަ ގަޑިތަކަށް ވެސް ލުޔެއް ދީފައިވާއިރު 10:30 ވަންދެން ޚިދުމަތް ދެވޭނެއެވެ.
މި ފިޔަވަޅުތަކާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 55/2020 (24 އޮގަސްޓު 2020) އެންގުމުގައި ބުނެފައިވާ އެހެނިހެން ފިޔަވަޅުތަކާއި އިސްތިސްނާތައް އެގޮތަށް ދެމި އޮންނާނެކަމަށް ވަނީ ބުނެފައެވެ.
މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ފާއިތުވި ދެ ހަފްތާގައި ވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު މަދުކަން ފާހަގަކޮށްލެވެއެވެ.