ހދ. ވައިކަރަދޫ އަލަށް އިމާރާތް ކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ ބުރާސްފަތި ދުވަހު އަޅައިފިއެވެ.
ރަށްރަށުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެތަކެއް އެޅުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހދ. ވައިކަރަދޫ އިންޖީނުގޭގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މިކަމަށް ހާއްސަ ކޮށްގެން ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއެވެ.
އަލަށް އިމާރާތް ކުރެވޭ މި އިންޖީނުގޭގައި ޑީސެލް ސްޓޯރޭޖް ޓޭންކްތަކެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ.
ވައިކަރަދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، ފައިމި ކޮންސްޓްރަކްޝަން އާއެވެ.
ވައިކަރަދޫގައި މިހާރުގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. މިކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންގެ އެތައް އުދަގޫތަކެއް ކުރިމަތިވެއެވެ.
އަލަށް އިމާރާތް ކުރެވޭ އިންޖީނުގެ އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުން ކައުންސިލްތަކުން ދޫކޮށްފައިވާ ހާއްސަ ބިމެއްގައެވެ.