އިންޑިއާގެ ފޮރިން ސެކެރެޓަރީ ހަރްޝް ޝްރިންގްލާ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
އިންޑިއާގެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުން ހަރްޝް، ރާއްޖެ އަށް ވަަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް މި ދަތުރުފުޅާއި ގުޅޭ ސީދާ މައުލޫމާތެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ދަތުރުފުޅުވެ ގެންދަނީ ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ތެރޭގައި ފޮރިން ސެކެރެޓަރީ ގައުމުން ބޭރަށް ކުރައްވާ ތިން ވަނަ ދަތުރުފުޅަށެވެ.
މި އަހަރު ކުރީކޮޅު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އިންޑިއާ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރުއާ ދެ ބޭފުޅުން ދެމެދު އޮންލައިންކޮށް އެކި ކަހަލަ މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.
ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު ބޮޑު ވަޒީރު މޯދީ، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ ރާއްޖެއަށެވެ. އެއަށް ފަހު ރާއްޖެއާ އިންޑިއާގެ އިސްވެރިންގެ ދެމެދުގައި ރަސްމީ ދަތުރުތަކެއް ވަނީ ކުރެވިފައެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންވެސް ރާއްޖެއަށް އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ފޯރުކޮށްދެމުން އަންނަނީ އިންޑިއާ އިންނެވެ. ސަރިުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް އިންޑިއާ އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ސަރުކާރުން ހިންގަ އެންމެ ބޮޑު މަޝްރޫއުތެރޭގައި ހިމެނޭ މާލެ، ގުޅީފަޅު، ތިލަފުށީގެ އިތުރުން ވިލިމާލެ ގުޅާލާ ބްރިޖް އަޅަން ދާދި ފަހުން އިންޑިއާގ އެކްޒިމް ބޭންކުން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.
މި ސަރުކާރު އައުމަށް ފަހު ރާއްޖެއާ އިންޑިއާ ދެ ގައުމު ދެމެދު އަންނަނީ ''ގާތް'' ގުޅުމެއް ބާއްވަމުންނެވެ. އެ ގުޅުމާއި ގުޅޭ ގޮތުން އިދިކޮޅުން ދަނީ އެކި ގޮތް ގޮތަށް ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެފަދަ ވާހަކަތައް ދޮގު ކޮށްފައެވެ.