ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލި އިންޑިގޯގެ ޝެޑިއުލް ފްލައިޓްތައް އަލުން ފަށާފައިވާއިރު އިންޑިއާގެ މުމްބާއި އާއި ރާއްޖެއަށް ދެމެދު ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތައް އަލުން ފެށުމަށް ނިންމައިިފި އެވެ.
އިންޑިގޯއިން އިންޑިއާ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް އަލުން ފަށާފައިވާއިރު، ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ސެޕްޓެމްބަރ މަހުއެވެ. އިންޑިއާގެ މުމްބާއީ އާއި ރާއްޖެއާއި ދެމެދު އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ.
އެގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހު ޝެޑިއުލް ފްލައިޓްތައް ބޭއްވުމަށް ނިންމާފައިވާއިރު ޑިމާންޑަށް ބަލައި އިތުރު ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށް އިންޑިގޯއިން ވަނީ ހާމަކޮށްފައެވެ.
މުމްބާއިން ހެނދުނު 10:20ގައި ފުރުމަށް ހަމަޖެހިފައިވާ މި ފްލައިޓް ރާއްޖެއަށް ލޭންޑް ކުރާނީ މެންދުރުފަހު 13:10 ގައެވެ. އަދި ރާއްޖެއިން ފުުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:10 ގައެވެ.
އިންޑިގޯ އިން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ފުރަތަމަ ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 15، ގައެވެ. އޭގެފަހުން ހަފްތާއެއްގެ މައްޗަށް ބާއްވާ ފްލައިޓްތައް އިތުރުކޮށް، އިންޑިއާގެ އިތުރު ބައެއް މަންޒިލްތަކަށް ވެސް ޑައިރެކްޓް ފްލައިޓްތައް އައި ބާއްވަމުންނެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ދަތުރުތައް ވަނީ ހުއްޓާލާފައެވެ.
ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް، ރާއްޖެއާ އިންޑިއާ އާ ދެމެދު އެއަރ ބަބްލްއެއް ވަނީ ޤާއިމްކޮށްފައެވެ.
މިއީ ކޮވިޑުގެ މިހާލަތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއަރ ބަބްލް އެވެ.
ފަތުރުވެރި ކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވުމާއި، އަދި ރާއްޖޭގެ ރިސޯޓްތަކަކީ ރާއްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް އަޅާފައިވާ ރިސޯޓްތަކަށްވުމުން، މި އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާ އިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެކެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިންނެވެ.