ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގައި މާލެ އާއި އަތޮޅުތެރެއިން މިހާތަނަށް ޖުމްލަ 4838 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ މާސް އިންސްޕެކްޝަންގެ ހަތަރުވަނަ ބުރު މާލޭގައި ކުރިއަށް ދާއިރު މިދިޔަ ސެޕްޓެްބަރު މަހުގެ 21 އިން ފެށިގެން މިހާތަނަށް 3277 ތަނެއް ބަލާ ފާސްކޮށްފައިވާ ކަަމަށެވެ.
މީގެ ތެރެއިން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފްވެގެން 112 ބަންދުކުރެވުނު ކަމަށެވެ، އަދި ބަންދު ކުުރުމަށްފަހު ފާހަގަ ކުރެވުނު ކަންކަން ރަނގަޅު ކުރުމަށްފަހު 103 ތަނެއް ވަނީ މިހާރު ހުޅުވިފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެ ތަންތަނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ 3277 ތަނުގެ ތެރޭގައި ހިމެނެނީ 2534 ފިހާރައާއި، 586 ކެފޭއާއި، 122 ސެލޫންއާއި، 17 ޖިމް އަދި 18 މާރުކޭޓް ކަމަށެވެ.
މީގެ އިތުރުން އަތޮޅު ތެރޭގައި ކުރިއަށްދާ އިންސްޕެކްޝަންގައި މިހާތަނަށް 1561 ތަނެއް ބަލާ ފާސްކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ 335 ތަނަކާއި، 1148 ފިހާރައާއި، 51 ސެލޫންއާއި 5 ޖިމް އަދި 22 މާރުކޭޓް ވަނީ ބަލާފާސްކުރެވިފައި ކަމަށެވެ.
މި އިންސްޕެކްޝަންތައް މިހަފްތާގެ ހަފްތާ ބަންދާއި ހަމައަށް ކުރިއަށްދާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާގައި އެންމެ ފަހުގެ ނަތީޖާ އާންމުކުރާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭގެ އުސޫލާ ހިލާފަށް ތަނުގައި ޚިދުމަތް ދެވޭނަމަ ފިޔަވަޅު އަޅާ ގޮތަށް ބަލާއިރު، ފުރަތަމަ ފަހަރު ނަމަ 48 ގަޑީއިރަށް ތަން ބަންދު ކުރެވޭނެއެވެ. އަދި ތަން އަލުން ހުޅުވާ ދެވޭނެ ގޮތަކީ ބަންދު ކުރާ ވަގުތުން ފެށިގެން 48 ގަޑީއިރު ފަހުންނެވެ.
ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތަން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑީއިރު ފަހުންނެވެ. ތިންވަނަ ފަހަރު ނަމަ، ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން ފަސް ދުވަސް ފަހުންނެވެ.
ކޮވިޑް-19 އާ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާންމު ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންވީ އުސޫލެއް އެކުލަވާލާފައިވާއިރު އެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.