ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ތިން ބިލެއްގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.
ފުރަތަމަ ކިއުން އިއްވި ބިލުތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލަކާއި ދެ މެމްބަރެއްގެ ފަރާތުން ހުށައަޅުއްވާފައިވާ ބިލުތަކެއް ހިމެނެއެވެ.
ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލަކީ އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލެވެ. މި ބިލަކީ ދަރަނިވެރިވާ ފަރާތަށް ދަރަނި ނުދެއްކިގެން އެފަދަ ފަރާތެއް އިފްލާސްވުމާއި އިފްލާސްކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.
މި ގާނޫނުގެ ދަށުން އިފްލާސްވުމާއި އިފްލާސްކުރުމުގައި ޝަރުއީ ކޯޓުން ނިންމަންޖެހޭ އެންމެހާ ކަންކަން ނިންމުމުގެ އިހްތިޔާރު ލިބިގެންވަނީ ހައިކޯޓަށެވެ. އަދި ހައިކޯޓުގެ ފަރާތުން އާއްމުކޮށް، ނިންމާނީ ރެޖިސްޓްރާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލުގެ އިތުރުން ދެން ފުރަތަމަ ކިއުން އިއްވާފައިވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ދެ ބިލެކެވެ. އޭގެ ތެރޭގައި ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް ޤާނޫނު އަސާސީއަށް ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލް ހިމެނެއެވެ.
މި އިސްލާހުގައި ވަނީ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށް އަދި ރާއްޖޭގެ ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގެ ވެރިކަން ހިންގަމުން ދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުުވަމުން އަންނައިރު، ރައްޔިތުންނަށް އެ ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު 'ބަރުލަމާނީ ނިޒާމަކަށް' ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
ދެން ފުރަތަމަ ކިއުން އިއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތާރިޤް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަަހަޅުއްފައިވާ އިސްލާހެކެވެ. އެ އިސްލާހަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބާބަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ އިސްލާހެެކެވެ.