ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަނީގެ މައްސަލާގައި އެ ޕާޓީގެ ފައުންޑަރ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުވާ ކުރުމަށް ޕާޓީގެ ކައުންސިލުން ނިންމައިފި އެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނެގި ދަރަނިތަކުން ކުރިއަށް ނުގޮސް، ޕާޓީގެ ލީޑަރޝިޕް އެތަކެއް ފަހަރެއްގެ މަތިން ބަދަލު ވެފައިވާއިރު، ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު ގެންދަވަނީ އެކި މައްސަލަތަކުގައި ރައީސް މައުމޫންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
އަންގާރަ ދުވަހު ޑީއާރުޕީގެ ކައުންސިލުން ނިންމި ނިންމުން ހާމަކޮށް، އެ ޕާޓީން ބުނީ އެ ޕާޓީގެ ކުރީގެ ޒައީމް، ރައީސް މައުމޫންގެ ލީޑަރޝިޕްގައި ޑީއާރުޕީ ވަނީ ބޮޑުތަނުން ދަރަނިކޮށް، އެތަށް ބިލްތަކަށް ފައިސާ ނުދައްކާ، ޕާޓީގެ އޭރުގެ މެމްބަރުންގެ ބޮލުގައި ދަރަނިތައް އަޅުވާފައި ކަމަށެވެ. އަދި އޭރުގެ ދަރަނިތަކުގެ ބިލްތައް މިއަދު ވެސް އެ ޕާޓީ އަށް އަންނަމުންދާތީ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރަން ޑީއާރުޕީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ޑީއާރުޕީން ބުނީ އެ މައްސަލައަށް ގޮތެއް ނިމެންދެން އެ ހުރިހާ ދަރަނި ދެއްކުން މަޑުޖައްސާލުމަށް ވެސް ކައުންސިލްގެ އިއްތިފާޤުން ނިންމާފައިވާ ކަމަށެވެ. އަދި ރަައީސް މައުމޫންް ފަދަ ބޭފުޅުން މޯލްޑިވްސް ރިފޯޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ނަމުގައި ޕާޓީ ހައްދަވާ، މި ސަރުކާރުގެ ކޯލިޝަންގައި ބައިވެރި ކޮށްގެން އުޅޭ އުޅުން ކުށްވެރި ކުރާ ކަމަށް ޑީއާރުޕީން ބުންޏެވެ.
ޑީއާރުޕީން ވަނީ 2007 ވަނަ އަހަރު ސަންލޭންޑް ޓްރެވަލުން ހޯދި ހިދުމަތްތަކަށް ފައިސާ ދައްކާފައިނުވާތީ އެ ކުންފުނިން މި މަހުގެ 4 ވަނަ ދުވަހު ފޮނުވާފައިވާ ބިލް ވެސް އާންމުކޮށްފައެވެ. އެގޮތުން 2007 ވަނަ އަހަރުގެ ޖޫން މަހުގެ 3 ތާރީހެއްގައި ހޯދި ހިދުމްތަތަކަށް 24000 އެމެެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ދެއްކުމަށް އެ ކުންފުނިން ފަހުގެ އިންްޒާރު ދީފައިވެއެވެ. އަދި ފައިސާ ނުދައްކައިފިނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެއެވެ.