ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 17:33
ރާއްޖޭގެ އާބާދީއަކީ 557،426 މީހުންގެ ތެރެއިން 40.8 އާބާދީ ދިރިއުޅެނީ ވެރިކަން ކުރާ މާލޭގައި
ރާއްޖޭގެ އާބާދީއަކީ 557،426 މީހުންގެ ތެރެއިން 40.8 އާބާދީ ދިރިއުޅެނީ ވެރިކަން ކުރާ މާލޭގައި
ރާއްޖެ އެމްވީ
ރާއްޖޭގެ އާބާދީ
ރާއްޖޭގެ އާބާދީ ފަސް ލައްކައިން މައްޗަށް، 40 އިންސައްތަ ދިރިއުޅެނީ މާލޭގައި!
ކ.އަތޮޅުގައި އެކަނި 41،382 މީހުން
މާލެސިޓީގައި ދިރިއުޅޭ މީހުންގެ އާބާދީ 227،486ށް އަރާ
އަވަސް ހައްލެއް ގެންނަން ޖެހޭ

ކުދި ޖަޒީރާތަކަށް ބެހިފައިވާ ދިވެހިރާއްޖޭގައި ގާތްގަނޑަކަށް ހާހަކަށް ވުރެ ގިނަ ރަށް އެބައޮތެވެ. ދުނިޔޭގެ އެހެން ކަންކޮޅުތަކުގެ މީހުންނަށް މި ރާއްޖެ ފެނި އާޝޯހުވާހާ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށްތަކުގެ ތެރެއިން މީހުން ދިރިއުޅެނީ 200 އެއްހާ ރަށުގައެވެ. ނަމަވެސް، ގައުމުގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާލުމުން ހީވަނީ ރާއްޖޭގައި މީހުން ދިރިއުޅެން ކަމުދާ ރަށެއްގެ ގޮތުގައި އޮތީ ފުރަ މާލޭގައި އެކަނި ހެންނެވެ. ތަފާސްތަކަށް ބަލާލުމުން ސިފަވާ މަންޒަރަކީ މިއީއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އެންމެ ފަހުން އާންމުކުރި އަދަދުތައް ދައްކާ ގޮތުން 2020 ވަނަ އަހަރުގެ މުޅި ރާއްޖޭގެ އާބާދީއަކީ 557،426 އެކެވެ. އަދި މީގެ ތެރެއިން 40 އިންސައްތަ އާބާދީ މާލޭގައި ދިރިއުޅެމުން ދާއިރު، މާލެސިޓީގައި 227،486 މީހުންގެ އާބާދީއެއް އެބައޮތެވެ. މާލެ އޮންނަ ކ. އަތޮޅުގެ އާބާދީ ހިމަނައިފިނަމަ، އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ މާލެ އާއި މާލެ ކައިރި ރަށްރަށުގައެވެ.

މާލެ ސިޓީ، އަތޮޅުތެރޭގައި ގިނަ ބަޔަކު މިހާރު ދިރިއުޅުމުން ގެންދަނީ މިސިޓީގައި

އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު އެންމެ އާބާދީ ބޮޑީ އަދިވެސް އައްޑޫ ސިޓީގައެވެ. އެ ސިޓީގެ އާބާދީއަކީ 26,635 އެވެ. ދެވަނައަށް އެންމެ އާބާދީ ބޮޑީ ހދ. އަތޮޅުގައެވެ. އެ އަތޮޅުގައި 23،157 މީހުން ދިރިއުޅެމުން އަންނައިރު، އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ އުތުރުގައި އޮތް ހަމައެކަނި ސިޓީ ކަމުގައިވާ ކުޅުދުއްފުށީގައެވެ.

އައްޑޫ ސިޓީ (ސ. އަތޮޅު) އާއި ހދ. އަތޮޅު ނޫން އެހެން އަތޮޅުތަކަށް ބަލާއިރު، ތިން އަތޮޅެއްގައި 20،000 އިން މަތީގެ އާބާދީއެއް އޮވެއެވެ. އެއީ ބ. އަތޮޅު (21،145 މީހުން)، ރ. އަތޮޅު (20،297 މީޙުން) އަދި އދ. އަތޮޅު (20،248 މީހުން) އެވެ.

ތޮއްޖެހިގެން ދިރިއުޅެމުންދާ މާލެސިޓީގައި ޓްރެފިކްގެ މައްސަލަތައް ވެސް ވަރަށް ބޮޑު

މާލޭގެ ދިރިއުޅޭ އާބާދީ އިތުރުވުމާ ގުޅޭ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ޝަހުދާ ވިދާޅުވީ މުސްތަގުބަލަށް ވިސްނާއިރު، މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށާއި، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ވެސް، މިކަމުގެ ގިނަ ތަޖުރިބާތަކެއް ރައްޔިތުން ކޮށްފައިވާ ކަމަށެވެ.

ޝަހުދާ ވިދާޅުވީ އެހެން ސަރަހައްދުތަކާއި އަޅާބަލާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީ ބޮޑުވަނީ ދިރިއުޅުމުގެ ގިނަ ޚިދުމަތްތައް އަތޮޅުތެރެއިން ލިބެން ނުހުންނާތީ ކަމަށެވެ. އަދި ވަޒީފާ ހޯދުމަށް ވެސް ގިނަ ބަޔަކު މާލެއަށް އަންނަމުންދާ ކަމަށް ޝަހުދާ ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ ތޮއްޖެހުން އިތުރުވާ މައްސަލައިގައ ކަންބޮޑުވުން ފާޅުކުރައްވަމުން ޝަހުދާ ވިދާޅުވީ، މިކަމުގެ ގެއްލުން މުޅި ރާއްޖޭއަށް ކުރާނެކަމަށެވެ. އަދި މިއީ އަވަސް ހައްލެއް ހޯދަން ޖެހޭ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ އާބާދީގެ އަންދާޒާތައް ބަލާފައި މިހުރީ 2054 އަކާ ހަމައަށް. އެގޮތަށް އެކުލަވާލާއިރު އާބާދީ އަތޮޅުތަކަށް ބަލާއިރު 10،000 އަށްވުރެ ގިނަ 2054 ގައި އުޅޭނެ ކަމަށް މިހާރު ލަފާކުރެވެނީ ހދ، ރ، ކ، އދ، ލ އަދި ސ.އަތޮޅު އެނގޭތޯ. ދެން މާލެ ސަރަހައްދުގައި އަޅުގަނޑުމެން އަންދާޒާ ކުރަނީ މުޅި އާބާދީގެ 54 އިންސައްތަ މީހުން ދިރިއުޅޭނީ މާލޭގައި 2054 ވަނަ އަހަރުގެ ތެރޭގައި. މިއީ ދުރުރާސްތާ ޕްލޭނުން ދައްކާ ގޮތް.
ޗީފް ސްޓެޓިސްޓޭޝަން އައިޝަތު ޝަހުދާ

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ދައްކާ ގޮތުން ހއ. އަތޮޅުގައި 17،389، ނ. އަތޮޅުގައި 16،706، ށ. އަތޮޅުގައި 15358، ޅ. އަތޮޅުގައި 14،370، ގއ. އަތޮޅުގައި 14،616، ގދ.އަތޮޅުގައި 15،445، އއ. އަތޮޅުގައި 13،638، ތ. އަތޮޅުގައި 11،496، ދ. އަތޮޅުގައި 10،635، ޏ. އަތޮޅު (ފުވައްމުލައް ސިޓީ) 9،873، މ. އަތޮޅުގައި 6،747، ފ. އަތޮޅުގައި 5،941 އަދި ވ. އަތޮޅުގައި 2،688 މީހުންގެ އާބާދީއެވެ. އެންމެ ކުޑަ އާބާދީއެއް އޮތީ ވ. އަތޮޅުގައެވެ.

ރަށްރަށުގެ ބޮޑުމިނަށް ބަލާއިރު، ނިސްބަތުން އެންމެ ކުދި ރަށްތައް ގިނައީ ށ. އަތޮޅުގައެވެ. މި އަތޮޅުގައި ބިމުގެ ގޮތުން އޮންނަ އެންމެ ބޮޑު ރަށަކީ ށ. މިލަންދޫއެވެ. މިރަށަކީ މި އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 100 ހެކްޓަރަށް ވުރެ ބޮޑު ހަމައެކަނި ރަށެވެ. އެންމެ ކުޑަ ރަށަކީ ށ. ކޮމަންޑޫއެވެ. އެއީ 10 ހެކްޓަރެވެ. ށ. އަތޮޅަށް ބަލާއިރު، މީހުން ދިރިއުޅޭ ޖުމްލަ އާބާދީއަކީ 15،358 އެކެވެ. އެއީ ރާއްޖޭގެ އާބާދީގެ 2.8 އެކެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ އޮންނަނީ ޖުމްލަ 14 ރަށްކަމަށްވާއިރު، މިއަތޮޅުގައި އެންމެ ގިނަ މީހުން ދިރިއުޅެނީ ވެރިކަން ކުރާ ށ. ފޮނަދޫގައެވެ.

ށ.އަތޮޅު، މިއަތޮޅަކީ ނިސްބަތުން ކުދި ރަށްތައް ގިނަ އަތޮޅު

ބިމުގެ ބޮޑު މިނުން ބަލާއިރު، ރާއްޖޭގައި އޮންނަ އެންމެ ބޮޑު އަތޮޅަކީ ހދ. އަތޮޅެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށަކީ ހދ. ހަނިމާދޫއެވެ. އެންމެ ކުޑަ ރަށަކީ ހދ.ނާވައިދޫއެވެ. މުޅި ރާއްޖޭގެ އާބާދީގެ 4.2 އިންސައްތަ މީހުން މި އަތޮޅުގައި ދިރިއުޅެމުންދާއިރު މީހުން ދިރިއުޅޭ ޖުމްލަ 13 ރަށެއް އޮވެއެވެ. އަދި މި އަތޮޅުގައި އެންމެ ގިނަ މީހުން ދިރިއުޅެނީ ވެރިކަން ކުރާ ރަށް ކުޅުއްދުއްފުށި ސިޓީގައެވެ. އެއީ އަތޮޅުގެ އާބާދީގެ 41 އިންސައްތައެވެ.

ހދ.އަތޮޅު، މީހުން ދިރިއުޅޭ ރަށްތަކުގެ ޖުމްލަ ބިމުގެ ބޮޑު މިނުން ބަލާއިރު ރާއްޖޭގައި އޮންނަ އެންމެ ބޮޑު އަތޮޅު

މި ތަފާސްތަކަށް ބަލާލުމުން ފެންނަނީ، ހުއްޓުމެއް ނެތި މާލެއަށް މީހުން ޖަމާކުރުން ހުއްޓުވުމަށް ސަރުކާރުތަކުން އިހުމާލުވުމުގެ ނަތީޖާއެވެ. އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ. އަދިވެސް ގިނަ ކަންކަން ތަރުތީބު ކުރެވިފައި ވަނީ އިތުރު މީހުން މާލެ ނައިސް ނޫޅެވޭ ގޮތަށްށެވެ.

ުމުޅި ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތް

ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ގައުމުތަކުގެ މުސްތަގުބަލުގެ ހުރިހާ ކަމެއް ފަރުމާކުރެވިގެންދާ ޒަމާނެއްގައި، ރާއްޖޭގައި ވެސް މުސްތަބުލަށް ރާވާ ރޭވުންތަކުގައި މި އަދަދުތައް ހިމަނަން އެބަޖެހެއެވެ. ލޭންޑް ޔޫސް ޕްލޭނާއި، ރަށުގެ އަސާސީ ކަންކަން ފަރުމާ ކުރަންވީ މި ލަފާކުރުންތަކުގެ މައްޗަށެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް މާލެ ސަރަހައްދަށް ޖަމާވެފައި އޮތުމުގެ ނަތީޖާ މިއަދުވެސް ފެންނަމުންދާއިރު، ޝަހުދާ ފާހަގަކުރެއްވި ގޮތަށް މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި 2054 ވަނަ އަހަރު އަންނަން ވާއިރަށް ގައުމުގެ އާބާދީގެ 50 އިންސައްތަ މާލޭ ސަރަހައްދުގައި ދިރިއުޅޭނަ ކަމަށް ލަފާކުރާއިރު، އަވަސް ވެގަންނަންވީ ދުރާލާ ރޭވުންތެރިކަމާއެކު ގައުމުގެ މިސްރާބު ބަދަލުކުރުމަށެވެ.

- ކޮމެންޓް