ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 16:28
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގ ރައީސް ނަޝީދުއާ ސަލާމް ކުރައްވަނީ
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގ ރައީސް ނަޝީދުއާ ސަލާމް ކުރައްވަނީ
މަޖިލިސް
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރި އެއްބަސްވުން
އެފްޓީއޭގެ ދިފާއުގައި ޗައިނާ ސަފީރު: އިގްތިސާދީ ގުޅުމަކަށް ބުރޫ އަރަން ޖެހޭ ސަބަބެއް ނެތް
މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ އެއްބަސްވުމެއް، ހަމަހަމަ ވާނެ ކަމަށް ސަފީރު ވިދާޅުވި
ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްގެން އިގްތިސާދީ ގުޅުމަށް ބުރޫނާރާނެ ކަމަށް ވެސް ވިދާޅުވި
މި އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއްގެ ގޮތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ ބައެެއް ފަރާތްތަކުން ވަނީ ސިފަކޮށްފައި

ދިވެހިރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ، ދެ ގައުމަށް ވެސް ފައިދާވާ އެއްބަސްވުމެއް ކަމަށް ޗައިނާ ސަފީރު ޖަންގ ލީޖޮން ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު މި މޭރުމުން ޓްވީޓް ކުރެއްވީ މި އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއް ކަމަށް ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިޔާލު ފާޅުކުރައްވާފައި ވަނިކޮށެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ވަނީ މި އެއްބަސްވުމަކީ ރާއްޖެއަށް ފައިދާއެއް ނެތް ގޮތަށް ފަރުމާ ކުރެވިފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ.

މި ވާހަކަަތަކަށް ރައްދު ދެއްވާ ޗައިނާ ސަފީރު ކުރެއްވި ޓްވީޓުގައި ވަނީ، މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމައަށް ތައްޔާރު ކުރެވުނު އެގްރިމެންޓެއް ކަމަށެވެ. އަދި މިހާތަނަށް ޗައިނާ އިން 22 ގައުމަކާއެކު 18 މިނިވަން ވިޔަފާރީގެ އެއްބަސްވުން ސޮއިކޮށްފައިވާ ކަން ފާހަގަކޮށް ސަފީރު ވިދާޅުވީ، މިއިން އެއްވެސް ގައުމެއްގެ އިގްތިސާދަށް ބުރޫ އަރާފައި ނުވާ ކަމަށެވެ.

އެއްބަސްވުން ތަންފީޒު ނުކޮށްގެން މި އެއްބަސްވުމުގައި ސޮއި ކުރި ސަރުކާރުގެ ބޭފުޅުން އަންނަނީ ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ރައްދުގައި މި ސަރުކާރުން ބުނެފައިވަނީ މި އެއްބަސްވުން ތަންފީޒު ކުރަން ހަދަން ޖެހޭ ގަވައިދުތައް ނަހަދާ އޮތުމުގެ ސަބަބުން، އެއްބަސްވުން ބާތިލުވެފައިވާ ކަމަށެވެ.

ޗައިނާއާއެކު ވެވުނު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވީނަމަވެސް، އެ އެއްބަސްވުން ތަންފީޒު ކޮށްފައެއް ނުވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހަދަން ޖެހޭ ގާނޫނީ އޮނިގަނޑަށް ބޭނުންވާ ގާނޫނުތައް ފާސް ކުރަން ފޮނުވާފައި ނުވާ ކަން ފާހަގަ ކޮށްލެވެއެވެ.

- ކޮމެންޓް