ހދ. ވައިކަރަދޫ މަސްމާރުކޭޓު އިމާރާތް ކުރުމުގެ މަޝްރޫއުއާއެކު ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ކަންބޮޑުވުން ހުރި މި މައްސަލައާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަހުމަދު ނަސީމް ވިދާޅުވީ އެ ރަށު މަސްމާރުކޭޓު އިމާރާތް ކުރުމުގެ މަޝްރޫއު ނިމުމުން، މަސް ވިއްކާ ފަރާތްތަކާއި މަސް ގަންނަ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން އެ ރަށުގެ މަސްވެރިންނާއި އެރަށަށް މަސްވިއްކަން އަންނަ ފަރާތްކަަށް މަސް ވިއްކަން ޖެހެނީ އަވީގައި ތިބެ އެރަށުގެ ޖެޓީގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މަހަށް ގޮސް އަންނަ ރަށުގެ ޒުވާނުން މަސް ކަނޑަން ތިބެން ޖެހެނީ ޖެޓީ މަތީގައި ތިބެ ކަމަށާއި، އޭގެ ސަބަބުން ޖެޓީ މަތި ވަރަށް ހަޑިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ މި މާރުކޭޓުގެ މަސައްކަތް ނިމުމުން ދަނޑުވެރިންނަށް ވެސް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ދެބުރިއަށް އިމާރާތް ކުރެވޭ މި މާރުކޭޓުގައި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ތަނެއް ހާއްސަކުރެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި މާރުކޭޓުގައި ގާއިމް ކުރެވޭ ކެފޭ އިންވެސް ރައްޔިތުންގެ އިތުރުން ބޭރުން އަންނަ ފަރާތްތަކަށް ވެސް ތަފާތު އެކި އެކި ހިދުމަތްތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހަތް ލައްކަ ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.