އެންޓި-ކޮރަޕްޝަން ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދުއެވެ. މި އިސްލާހު ބަލައިގަތުމަށް ފާސްވީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އިއްތިފާގުންނެެވެ. މިއާއެކު މި އިސްލާހު އިތުރަށް ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
މި ބިލް ހުށަހަޅުއްވަމުން ހުށަހެޅުއްވި މެމްބަރު ވިދާޅުވީ ބިލް ހުށަހަޅުއްވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު އުވާލުމަށް ހުށަހަޅާފައިވާތީ އެ ޤާނޫނު އުވާލާއިރު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު ގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަކުރުން އިސްލާހު ކުރަން ޖެހޭތީ އެއިސްލާހު އެ ޤާނޫނަށް ގެނައުމަށްޓަކައި ކަމަށެވެ.
މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ކޮރަޕްޝަން ކަމަށް ބުނެފައިވަނީ ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ޤާނޫނުލް އުގޫބާތުގެ 4 މާއްދާއެއްގައި ބަޔާންކޮށްފައިވާ ކުށާއި އެނޫން ވެސް ޤާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއް އެއީ ކޮރަޕްޝަން ކަމަށް ބެލެވޭނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.