ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 14:36
ދަތުރުފަތުރުން ގުޅުވާލުމާ ގުޅޭ ވެބިނަރގެ ތެރެއިން
ދަތުރުފަތުރުން ގުޅުވާލުމާ ގުޅޭ ވެބިނަރގެ ތެރެއިން
ރާއްޖެއެމްވީ
އިންޑިއާ މޯލްޑިވްސް ޓްރެވެލް ކަނެކްޓް ވެބިނަރ
ރާއްޖެ އާއި އިންޑިއާއި ދެމެދު ދަތުރުފަތުރުން ގުޅުވާލުމާ ގުޅޭ ވެބިނަރ ބާއްވައިފި
 
ވެބިނަރގައި ރާއްޖެއާއި އިންޑިއާގެ ޓްރެވެލް އެސޯސިއޭޝަންތަކުން ބައިވެރިވި
 
މިވަގުތު 10 އެއަރލައިނަކުން ރާއްޖެއަށް އޮޕަރޭޓްކުރޭ

ރާއްޖެ އާއި އިންޑިއާއި ދެމެދު ދަތުރު ފަތުރުން ގުޅުވާލުމާ ގުޅޭ ވެބިނަރ ބާއްްވައިފިއެވެ.

އިންޑިއާ މޯލްޑިވްސް ޓްރެވެލް ކަނެކްޓްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ވެބިނަރ އަކީ ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ވެބިނަރ އެކެވެ.

މި ވެބިނަރ އިފްތިތާޙް ކޮށްދެއްވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވީ މުޅި ދުނިޔެ ބަންދުވެފައި އޮތް ދަނޑިވަޅެއްގައި، ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމުމަކީ ވަރަށް ހިތްވަރުގަދަ ނިންމެވުމަށް ކަމަށެވެ. އެ ނިންމުމާއި އެކީ މިއަދު ފަތުރުވެރިކަމުގެ ދާއިރާ މަޑުމަޑުން ރަނގަޅު ވަމުން އަންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެންމެން ވެސް މި ދަނޑިވަޅުގައި މަސައްކަތް ކުރަންވީ ރާއްޖެއަކީ ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައި ބޭރުގެ މާރކެޓްތަކުގައި އިޝްތިހާރު ކުރުން ކަމަށެވެ.

މި ވަގުތު 10 އެއަރލައިނަކުން ރާއްޖެއަށް އޮޕަރޭޓްކުރަމުން އަންނައިރު އުއްމީދަކީ މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެ އާއި އިންޑިއާއި ދެމެދު ދަތުރު ފަތުރުން ގުޅުވާލުމާ ގުޅޭ ޓްރެވެލް ކަނެކްޓް ވެބިނަރ އަކީ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ހުޅުވިގެންދިޔަ އިތުރު ޕްލެޓްފޯމެއް ކަމަށާއި އިންޑިޔާ މާރކެޓަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ މާރކެޓެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބައެއް ޤައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އާދޭ. އަދި ފްލައިޓްތައްވެސް ވަނީ ބާރު ބޮޑުވެފައި. ކުރިއަށް އޮތީ ބިޒީ ދުވަސްތަކަކަށް ވާނެކަމަށް އުއްމީދުކުރަން. އަދި ސަރުކާރާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުުރާ ފަރާތްތަކުން އެކުގައި ކުރާ ބުރަ މަސައްކަތްވެސް ފާހަގަކުރަން. އަދި ރާއްޖެ ޕްރޮމޯޓްކުރުމުގައިވެސް އެ ފަރާތްތަކުގެ ދައުރު ވަރަށް ބޮޑު.
~ މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

މި ވެބިނަރގައި ޑރ. މައުސޫމް ވަނީ، ފަތުރުވެރިކަމަށް ހާއްސަކޮށްގެން އެލައިޑް އިންޝްއެރަންސްއިން ތަޢާރަފްކޮށްފައިވާ އިންޝްއަރެންސް ޕެކޭޖް ހުރިހާ ފަތުރުވެރިން ނަގައިގެން ރާއްޖެއަށް ދަތުރުކުރުމަށް ޓްރެވެލް އެޖެންސީތަކުގައި އެދިލައްވާފައެވެ.

މި ވެބިނަރގައި އިންޑިއަން ހައިކޮމިޝަރ ސަންޖޭ ސުދީރު ވިދާޅުވީ ޓްރެވެލް ކަނެކްޓް ވެބިނަރގެ ސަބަބުން ރާއްޖެއާއި އިންޑިޔާގެ ފަތުރުވެރިކަމަށްވެސް ބޮޑެތި ފާއިދާތަކެއް ކުރާނެ ކަން ޤަބޫލުކުރައްވާ ކަމަށެވެ. މިއީ ރަނގަޅު ފެށުމެއް ކަމަށް ވިދާޅުވަމުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަނގަކުރެއްވިއެވެ.

ރާއްޖެއާއި އިންޑިއާގެ ޓްރެވެލް އެސޯސިއޭޝަންތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ ވެބިނަރގައި އިންޑިއާގެ އައުޓްބައުންޓް ޓުއަރ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއާ، ޓްރެވެލް އެެޖެންޓްސް އޮފް އިންޑިއާ، ކޮންފަޑޭރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީއާއި، އިންޑިއަން އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓާސް، އަދި ދަ ސޮސައިޓީ ފޯރ އިންޓެންސިވް ޓްރެވެލް އެކްސެލަންސް ބައިވެރިވިއެވެ.

ރާއްޖެއިން މި ވެބިނަރގައި އެމްއެމްޕީއާރްސީއާއި، އެސޯސިއޭޝަން އޮފް ޓްރެވެލް މޯލްޑިވްސްއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް އިން ވަނީ ބައިވެރިވެފައެވެ. ވެބިނަރގައި ބައިވެރިވި ފަރާތްތަކުން ދަނީ ފަތުރުވެރިކަން ކުރިއެރުވުމަށް އެފަރާތްތަކުން މިވަގުުތު ކުރަމުންދާ މަސައްކަތް ވެބިނަރގެ އެހެން ބައިވެރިންނާއި ހިއްސާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް