ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ކޮވިޑް-19 ސާމްޕަލް ނެގުމަށް ހަރަކާތްތެރިވި މީހާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މައާފަށް އެދިއްޖެއެވެ.
ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި، ރެޕިޑް ރެސްޕޯންްސް ޓީމް (އާރްއާރްޓީ) ގެ މެމްބަރުގެ ކިބައިންނާއި، އޭނާގެ މަންމަގެ ކިބައިން މައާފަށް އެދި، މެމްބަރު އިކްރާމް ވަނީ ދަރުބާރު ގެޔަށް ވަޑައިގެން އެ ފަރާތްތަކާއި ބައްދަލު ކޮށްފައެވެ. އަދި ބުނެވުނު އަދި ކުރެވުނު ކަންތަކަށް މައާފަށް އެދޭ ކަމަށް އެ ދެ ފަރާތާއި ބައްދަލު ކުރުމަށްފަހު ކުރެއްވި ޓުވީޓެއްގައި މެމްބަރު އިކްރާމް ވިދާޅުވިއެވެ.
އޭގެއިތުރުން މެމްބަރު އިކްރާމް ވަނީ ރެޕިޑް ރެސްޕޯންްސް ޓީމްގެ ހުރިހާ މެމްބަރުންގެ ކިބައިން ވެސް މައާފަށް އެދިވަޑައިގެންފައެވެ.
މާފަންނު މަދަރުސާ ތެރޭގައި މެމްބަރު އިކްރާމް ކޮވިޑްގެ ސާމްޕަލް ނަގާ ކުއްޖަކާއި މެދު މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ ފުލުހުންވެސް ތަހުޤީޤްކުރަމުންގެންދާއިރު، އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.
އެ ހާދިސާ ހިނގާ ދިޔަގޮތް ހިއްސާ ކުރައްވަމުން އިކުރާމް މީގެކުރިން ވިދާޅުވެފައިވަނީ ކޮވިޑް ސާމްޕަލް ނެގި ވަގުތު ތަދު އިހުސާސް ކުރެވުމުން ސާމްޕަލް ނެގުމަށް ބޭނުން ކުރާ ކަފަބުރު ނެގުމަށް ވިދާޅުވެ ސާމްޕަލް ނަގަން ހުރި ފަރާތުގެ އަތް ދުރުކޮށްލި ކަމަށެވެ. އަދި ނުރުހުމުގެ ރާގަކުން އެ ފަރާތުގެ ނަން ސާފު ކުރުމަށް އެއްސެވި ކަމަށެވެ. އޭނާ ވިދާޅުވީ އެއަށް ވުރެ ބޮޑު ކަމެއް ނުހިނގާ ކަމަށާއި އެތަނުގައި ސީސީޓީވީ ކެމެރާ ހުރިނަމަ އެކަން ސާފުވާނެ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނިކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެޗް.އީ.އޯ.ސީއާއި ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކުގައި އަދި ކޯވިޑް-19 އަށް ޓެސްޓު ކުރުމުގައި ދެމުންދާ ޚިދުމަތްތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމުންގެންދާ ޚިދުމަތްތަކެއް ކަމަށެވެ. އަދި މި ޚިދުމަތްތައް ދިނުމުގައި ކަންކަން އޮޅުން ފިލުވައިދީ އާންމު ފަރާތްތަކުން ކަންބޮޑުވާ ކަންތައްތަކަށް ވެސް އިޖާބަދީ ޚިދުމަތް ފޯރުކޮށްދެމުންދަނީ މިންގަނޑާއި އެއްގޮތަށް ކަމަށެވެ.