ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އާއެކު ހަދާފައިވާ ފްރީޓްރޭޑް އެގްރިމެންޓް އެސަރުކާރުގެ ބޭފުޅުން ބައްލަވާފައިނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެސަރުކާގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރ މުހައްމަދު ސައީދަށް ރައްދުދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހިދާއި ޗައިނާއާއި އެކު ހަދާފައިވާ ފްރީޓްރޭޑް އެގްރީމެންޓްގެ ދަށުން މަސްވެރިންނަށް ލިބޭ ފައިދާތަކާއި އެކަންކަން ހިފަހައްޓާތީ އެކަމާއި ގުޅޭގޮތުންނެވެ. އެސުވާލަށް މިނިސްޓަރ ޖަވާބު ދެއްވުމުން ރައީސް ނަޝީދު ވަނީ މިއެގްރިމެންޓްގައިވާ ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އެގޮތުން އޮޕަރޭޝަންގައި ނެތް ފްރީޓްރޭޑް އެގްރިމަންޓްގައި ދަށުން ރާއްޖެއިން ނުބާނާ ހުރިހާ ބާވަތެއްގެ މަހަކަށް ސުން ޕަސެންޓް ލިބެން އެބަހުރިކަމަށާއި ކިރިޔާވެސް ރާއްޖެއިން ލިބެންހުރި އެއްޗެއް ލިބެންހުރީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދާދި އެއްވަރެއްގައި ކަމަށް ވިދާޅުވިއެވެ.
އޭގެތެރޭގައި ދިރޭ މަސް 17.5 އިންސައްތަ. އެހެން ދިރޭ މަހަށް 17.5 އިންސައްތަ ދެން ރާއްޖޭގައި ނުލިބޭ އެއްޗެއްވިއްޖިއްޔާ 0 އިންސައްތަ. އެކަހެލި އެއްޗިއްސަށް ވަރަށް ރަނގަޅަށް ހުރީ މެމްބަރުން ބައްލަވާ ލައްވައިފިއްޔާ ޑިޔުޓީ ޝީޓް ފެނިވަޑައިގަންނަވާނެ ފްރީ ޓްރޭޑް އެގްރިމެންޓްގައި އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ޑީލް. ރާއްޖެއިން ނުބާނާ ހުރިހާ ބާވަތެއްގެ މަހަކަށް ސުން ޕަސެންޓް އެބަހުރި. ކިރިޔާސްވެސް ރާއްޖެއިން ލިބޭ އެއްޗެއް ވިއްޔާ އީޔޫ އާއި ދާދި އެއްވަރެއްގައި ހުރީ. މައުލޫމާތު ލިބިވަޑައިގަންނާވެނެ މުޅި އެގްރިމެންޓްވެސް ފެންނަން ހުންނާނެ ސިސްޓަމްއިންރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު މިމޭރުމުން ވާހަކަދެއްކެވުމުން ސައީދު ވަނީ ނިޒާމީ މައްސަލަ ނަންގަވައި ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅެއް ކަމަށް ވިދާޅުވެފައެވެ. އެގްރިމެންޓްގެ ކަންތަކުގައި އެންމެ އިސްކޮށް މަސައްކަތްވެސް ކުރެއްވި ސައީދު ވިދާޅުވީ އެގްރިމަންޓްގެ ދަށުން 296 އައިޓަމް ސުމެއް އިންސައްތައިގެ އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.
އަޅުގަނޑު އެދެން ވަރަށް ބޮޑަށް މަޖިލީހުގައި ތިގޮތަށް ތިވާހަކަފުޅު ވިދާޅުވީމާ އަޅުގަނޑު ކުރިން ދުވަހުވެސް ދެންނެވިން 296 އައިޓަމް ސުން ޕަސެންޓްގައި އެކްސްޕޯޓް ކުރެވޭނެ ވާހަކަ. އެހެންވީމާ އެއަށް ވަޒީރާ ޖާބިރު ކުރެއްވި ސުވާލަށް ވާތީ މަޑުން މީނީ. ރައީސް ވިދާޅުވި ވާހަކައަކީ މުޅިން ރަނގަޅު އެއްނޫން.މާވަށު ދާއިރާގެ މެމްބަރ މުހައްމަދު ސައީދު
ސައީދު މިމޭރުމުން ވާހަކަ ދެއްކެވުމުން ރައީސް ނަޝީދު ވިދާޅުވީ ސައީދު އެހެން ވިދާޅުވުމުން އެކަމާއި ހިތާމަކުރައްވާ ކަަމަށާއި އެގްރިމެންޓްގެ ކޮޕީ އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށެވެ.
އަޅުގަނޑު އަތުގައި މިއޮތީ އެގްރިމެންޓްގެ ސީދާ ކޮޕީ. އެއީ މިތަނުގައި ބާއްވާފައި އޮތް ކޮޕީ. މިތަނަށް ގެނެއްސައި މިއެގްރިމެންޓް ނިންމީ. މިތަނުން ވޯޓު ދީގެން މިކަން ކުރީ. މިތަނުގައި އޮތް ކޮޕީގައި ކަނޑައެޅިގެން އާދެ ބައިވަރު އައިޓަމް އެބަހުރި. އަޅުގަނޑު ހިތުން ތިބޭފުޅުން މިބައްލަވާފައެއް ނެތް.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޗައިނާ ފްރީޓްރޭޑް އެގްރިމަންޓް މިހާރު ނެތް ކަމަށް މީގެކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެއީ އެކަމަށްޓަކައި ހަދަން ޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހަދައި އެކަން ދެ ގައުމުގެ ދެމެދު ބަދަލުކުރެވިފައި ނުވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ އޮޕަރޭޓްކުރެވެމުންދާ ޗައިނާ އެފްޓީއޭ އެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މިހާތަަނަށް ބެލިބެލުމުން މިއެގްރިމަންޓުން ދިވެހި މަސްވެރިންނަށް މާބޮޑު ފައިދާއެއް ނުކުރާކަން ފާހަގަވެފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޗައިނާ އާއި ރާއްޖެ އާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރިމަންޓަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ މީގެކުރިން ވެސް ވާހަކަދައްކަވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. މިކަމާއި ގުޅިގެން އެމްޑީޕީ އާއި ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަތަކަށް އިދިކޮޅު މެމްބަރުން ވަކިން ޚާއްސަކޮށް ސައީދު ގެންދަވަނީ ރައްދު ދެއްވަމުންނެވެ.