މިފްކޯ ޒަމާނާ އެއްގޮތަށް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި މަސައްކަތްތައް ފެށުމުގެ މަރުހަލާގައިވާ ކަމަށް މިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެެއްވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިންގެ މެދުގައި މަސްވެރިކަމާއި ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތައް ސީދާ ގޮތުން ގުޅިފައިވަނީ މިފްކޯއާ ކަމަށެވެ. މިގޮތުން މަސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ނުލިބުމާއި މަސް ކިރުވުމުގައި ގިނަ ވަގުތު ހޭދަވުމާއި އެކަށީގެންވާ މިންވަރަށް އައިސް ނުލިބުމުގެ މައްސަލަ އަކީ މަސްވެރިންގެ ހުރި އެންމެ ކަންބޮޑުވުންތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިކަންކަން ހައްލު ކުރުމަށް މިފްކޯގެ އުމްރާނީ ވަސީލަތްތައް ޒަމާނީ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޮޑި ދޯނިފަހަރު ބޮޑުވެ މަސްވެރިންގެ ވައްޓަފާޅި ބަދަލުވެ އަހަރުތަކެއް ވީއިރުވެސް މިފްކޯގެ އިންފްރާ ސްޓްރަކްޗަރ އެއްވެސް ކުރިއެރުމެއް ނައިސް އޮތުމުން މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާފައި. މިކަންކަމަށް މިފްކޯގެ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް ހޯދި މިހާރު މިވަނީ މަސައްކަތް ފެށުމުގެ މަރުހަލާއަށް އާދެވިފައި.މިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
މިހާރު ކޫއްޑޫގައި ހުރީ 2000 ޓަނުގެ ސްޓޯރޭޖެއް އަދި ފެލިވަރުގައި 700 ޓަނުގެ ސްޓޯރޭޖެއް ހުރިއިރު ފެލިވަރުގައި ފްރީޒިން ކެޕޭސިޓީއެއް ނެތެވެ.
މިފްކޯ ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ސްޓޯރޭޖް އިތުރުކޮށް، ބަނދަރު ބޮޑުކޮށް މަސް ގަތުމަށް ބޭނުންވާ ކެޕޭސިޓީ ގާއިމު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ކޫއްޑޫގައި 4000 ޓަނުގެ ސްޓޯރެޖް އިތުރުކޮށް، ބަނދަރު ބޮޑުކޮށް މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާ ކުރުމަށް ބޮޑެތި މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގެމަނަފުށީގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ގާއިމު ކުރެވިގެންދާނެ ކަމަަށް މިނިސްޓަރ ވިދާޅުވިއެވެ.
މަސްވެރިންނަށް އެކަށީގެންވާ ވަރަށް އައިސް ނުލިބުމާއި މަސް ކިރުވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ނުހުރުމަކީ ޒަމާނުއްސުރެންވެސް މަސްވެރިން ކުރަމުން އަންނަ ޝަކުވާއެވެ. އެ ޝަކުވާތަކަށް ހައްލު ހޯދައިދޭނެ ކަމަށް މި ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.